ރާއްޖެއައިސް ގަވާއިދާ ހިލާފަށް ބިދޭސީން ރެކްރޫޓްކުރާ މީހަކު އަތުލުމަށްފަހު ޑީޕޯޓް ކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ ފުލުހުންނާއި ގުޅިގެން ބްރާސްފަތި ދުވަހު ހިންގި ޖޮއިންޓް އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް ބިދޭސީން ރެކްރޫޓްކުރާކަމަށް ތުހުމަތު ކުރެވޭތީއާއި، ގަވާއިދާ ހިލާފަށް ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަމުންދިޔަ ބިދޭސީއެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވުނު ކަމަށެވެ.

މި އޮޕަރޭޝަންގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނީ އެމްޑި ޝަފީގުލް އިސްލާމް (އާންމު ނަމުން ނަމަ "މާސްޓާ") ނަމަކަށް ކިޔާ ބަންގުލަދޭޝްގެ 49 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެމީހާ މިއަދު ރާއްޖެއިން ޑީޕޯޓްކޮށްލާފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވީ މި އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން މަދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގުނު ހާއްސަ އޮޕަރޭޝަނެއް ކަމަށެވެ. އަދި އިމިގްރޭޝަންގެ މަގުސަދަކީ ގަވާއިފާ ހިލާފުވުމަށް މެދުވެރިވާ ސަބަބުތައް ހޯދާ، އެ ސަބަބުތައް މަޑުކޮށް މިކަމުގައި ނަތީޖާއަކަށް ވާސިލްވުމަށް މަސައްކަތް ކުރެއްވުން ކަމަށެވެ.

ހަނަފީ ވިދާޅުވީ މިއަދު ޑީޕޯޓް ކުރެވުނު ބިދޭސީ މީހާއަކީ ގިނަ ބިދޭސީންތަކެއް ގަވާއިދާ ހިލާފުވުމަށް މެދުވެރިވި ސަބަބެއް ކަމަށެވެ.

އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖޭގައި ދޮޅުލައްކައެއްހާ ބިދޭސީން އުޅެމުން އަންނައިރު، އޭގެ ތެރެއިން ދެބައިކުޅައެއްބަޔަކީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންނެވެ.