ސަރުކާރުން މަސައްކަތް ކުރަނީ ސެކިއުލާ ފިކުރަށް ޖާގަ ދިނުމަށް ކަމަށް އިދިކޮޅު ޕީއެންސީ އަދި ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ޓެރަރިޒަމް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް ބޮޑަށް އަމާޒު ވަނީ "ދީނީ ހަރުކަށިކަމޭ" ކިޔައިގެން ދީނީ ދަރުސްތަކުގެ އަޑު މަޑު ކޮށް، އެފަދަ ދަރުސްތައް ދޭ ފަރާތްތައް ހައްޔަރު ކުރުމަށް ކަމަށާއި "ސެކިއުލާ" ވިސްނުމަށް ޖާގަ ދިނުމަށް ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސްބަޔާނުގައި ބުނީ، ދައުރުގެ ބޭރުން ޖަލްސާ ބާއްވައިގެން ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް އޮތް އަޣުލަބިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ހިންގަމުން ގެންދާ މި ނާތަހުޒީބު އަމަލާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރުމަށް ފަސްނުޖެހޭނެ ކަމަށެވެ. އަދި ނަހަމަ ގޮތުގައި ބާރުގެ ބޭނުންކޮށް، ރައްޔިތުންގެ ހައްގުތަކަށް ކިރިޔާ ވެސް އުނިކަމެއް އަންނާނޭ ގޮތަށް ކުރެވޭ މި ބާވަތު ހުރިހާ އަމަލަކާ ދެކޮޅަށް ތެދުވެ، ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ކުރަންޖެހުނު ކޮންމެ ކަމެއް އަދި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް އެ ކޯލިޝަނުން ބުނެއެވެ.

އިދިކޮޅި ކޯލިޝަނުން ވަނީ، އެންމެހާ ރައްޔިތުން ޝާމިލުވާނޭހެން ކުރި ބުރަ މަސައްކަތުން ހޯދާފައިވާ އަސާސީ ހައްގުތައް ހަނިކޮށް، އެ ހައްގުތައް ނިގުޅައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރަމުންދަނީ ގާނޫނުއަސާސީއާ ހިލާފު މަސައްކަތެއް ކަމަށް ބުނެ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. އަދި ރާއްޖޭގެ ބާ ކައުންސިލާއި އެނޫންވެސް ހަމައާއި އިންސާފަށް ލޯބިކުރާ ފަރާތްތަކުން ފާހަގަކުރަމުން އަންނަ ފަދައިން، މި އަމަލަކީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ އިތުރުން ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި ކުރިއަރާފައިވާ ތަހުޒީބް މުޖްތަމައުތަކުގައި ކަންކަން ކުރަމުން އަންނަ އުސޫލުތަކާއި ހިލާފު، ރައްޔިތުންނާ ދެކޮޅަށް ހިންގޭ ޖަރީމާއެއް ކަމަށް ވެސް އެ ކޯލިޝަނުން ބުނެއެވެ.

މީގެ އިތުރުން އެ ކޯލިޝަނުން ބުނީ ރާއްޖެ އަށް ޑިމޮކްރެސީ ގެނައުމަށް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން، އެތަކެއް ރައްޔިތުންގެ މިންނެތް މަސައްކަތާއި ގުރުބާނީން ގެނައި އެންމެ މުހިންމު ބަދަލަކީ ރައްޔިތުންގެ އަސާސީ ހައްގުތަކެއް ކަށަވަރު ކުރެވިގެންދާނެ ގޮތަށް އެކުލަވާލާފައިވާ ޒަމާނީ ގާނޫނުއަސާސީއެއް ވުޖޫދަށް ގެނައުމުގެ މަސައްކަތް ކަމަށެވެ. އަދި މި ގާނޫނުއަސާސީގެ އެންމެ އަސާސީ ސިފައަކީ މާތްވެގެންވާ އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާނޭ ގޮތުގެ މަތިން ވިސްނާ ފިކުރުކުރުމާއި ހިޔާލު ފާޅުކުރުމުގެ ހައްގު އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ ރައްޔިތުންނަށް ލިބިދިނުމާއި، ކުށުގެ ތުހުމަތު ކުރެވޭ ހާލަތްތަކުގައިވެސް އެ ތުހުމަތު ކުރެވުނު މީހެއްގެ އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމެވެ.