ދައުރުން ބޭރުގައި މިއަދު މަޖިލީހުގައި ބޭއްވި ޖަލްސާ ކުރިއަށް ގެންދިޔައީ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވެ މަޖިލީހުގެ މެންބަރުން، މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ.

ސަރުކާރު ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ހުށަހެޅުއްވި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލު އެޖެންޑާކޮށް ދައުރުން ބޭރުގައި މިއަދު ބާއްވާ ޖަލްސާ ފައްޓަވައިދެއްވަމުން މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބިލުގެ ފުރަތަމަ ކިއުން އިއްވައި އިބްތިދާއީ ބަހުސްއަށް ހުޅުވާލުމުގެ ކުރިން އެ ޖަލްސާގެ މުހިއްމު ކަމަކާމެދު މެންބަރުން ބަހުސް ކުރުމަށް އެއް ގަޑިއިރުގެ ވަގުތެއް ހުޅުވާލައްވާ ކަމަށެވެ.

ނަމަވެސް ނަޝީދު އެގޮތަށް އަމަލު ކުރެއްވުމުން، މަޖިލީހުގެ ގަވާއިދާ ހިލާފު ވެވަޑައިގެންނެވިކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ މަޖިލިސްގެ ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވަން އެމްޑީޕީގެ 29 މެންބަރުން ސޮއިކޮށް އެދިފައިވާނީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކަމަށެވެ. އަދި ސަބަބު ބަޔާންކޮށް މަޖިލީހަށް ސިޓީއެއް ހުށަހެޅުމުން އެކަން ކުރިއަށް ގެންދާނެ ގޮތް ވަރަށް ސާފްކޮށް މަޖިލީހުގެ ގަވާއިދުގައި އޮންނަ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އޭނާ ގަބޫލުކުރައްވާގޮތުގައި، ސިޓީފޮނުވި ސަބަބު މަޖިލީހުގެ ރައީސަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެހެނަކަމުން އޭގެ އިތުރަކަށް މެންބަރުން ތެދުވެ، މަޖިލިސް ގަވާއިދު ބުނާގޮތުން އެއްގަޑިއިރުގެ ބަހުސްކޮށްގެން އެ ސަބަބުތައް ރައީސަށް ދަންނަވަންޖެހޭ ކަމަކަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"މިހެން މިދަންނަވަނީ މަޖިލިސް ގަވާިދުގައި ވަރަށް ސާފުކޮށް އެބައޮތް، ޖަލްސާ ބާއްވަދޭން ރައީސް މި ޓޭބަލްކުރަނީ ވަކިގޮތަކަށް ފޮނުވީމަކަމަށްވާތީވެ، އެގޮތުގެ އެ އުސޫލުގެ މަތިން ރައީސް ޓޭބަލް ކުރައްވާފައި މިގޮތަށް ހުޅުވާލާ ހުޅުވާލުމަކީ، ނުވަތަ މަޖިލީހުގެ ގަވާއިދުގައި ނެތްގޮތަކަށް އަމަލުކުރާގޮތަށް ރިޔާސަތުން ކަންކުރުމަކީ އަޅުގަނޑު ގަބޫލުކުރާގޮތުގައި ކޮށްގެންވާނެ ކަމެއްނޫން. އެހެންކަމުން އަޅުގަނޑުމެން ޓެރަރިޒަމްގެ ގާނޫނަށް، ބަދަލުގެނައުމަށް ނުވަތަ އިސްލާހު ހުށަހެޅި ސަބަބު ވަރަށް ސާފްކޮށް ސިޓީގައި ބަޔާން ކުރެވިފައިވާނެ،"
އާޒިމް

އާޒިމްގެ ވާހަކައާ ގުޅިގެން ނަޝިދު ވިދާޅުވީ އެޖެންޑާގައިވާ ކަންކަން ކުރިއަށް ގެންދިއުމުގެ ފުރުސަތު މަޖިލިހުގެ ގަވާއިދުގެ ދަށުން މަޖިލީހުގެ ރައީސަށް ލިބިގެންވާ ކަމަށެވެ. އެ ގޮތުން ޖަލްސާ ބޭއްވުމުގެ މުހިއްމު ކަމުގެ މައްޗަށް ބަހުސް ކުރަން އެންގެވީ އެޖެންޑާގައި ރިޔާސަތުން އަންގަން ބޭނުންވާ ކަންކަން އެންގުމުގެ މަސައްކަތުގެ ދަށުން ކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ.

ހުޅުމާލެ ދާއިރާގެ މެންބަރު އަލި ނިޔާޒް / ފޮޓޯ: މަޖިލިސް

އެއްގަޑިއިރުގެ ބަހުސްގެ ވަގުތު ދިނުމާއި ގުޅިގެން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވީ ސަރުކާރުން ބުނެފައި މިއޮތީ މިހާރު ގާނޫނު އޮތްގޮތުން ހުރަސްތަކެއް އެބަހުރި ކަމަށާއި، އެހެންކަމުން މެންބަރުންގެ ފަރާތުން އެހީތެރިކަމަށް އެދޭ ކަމށެވެ. ނިޔާޒު ވިދާޅުވީ މެންބަރުން ތިބީ އެހީތެރިކަންދޭން ތައްޔާރަށް ކަމަށެވެ.

"ނަމަވެސް އަޅުގަނޑު ނޭދެން މަޖިލީހުގެ އިޖްރާއަތްތަކުގެ ބޭރުން އެއްވެސް ކަމެއް ކުރަން. މަޖިލީހުގައި ކަނޑައެޅިފައި އެބައޮތް އިޖްރާއަތްތަކެއް އަދި ބިލެއް ހުށަހެޅޭނެ ގޮތް އެބައޮތް އަދި ބިލަކަށް ވަގުތުދޭންޖެހޭ ގޮތްތަކެއް ވެސް އެބަހުރި ބަހުސްކުރެވޭނެ ގޮތްތަކެއް ވެސް އެބަހުރި. ހުރިހާ މަރުހަލާތަކެއް ކަނޑައްތު ކުރުމަށްފަހު ދައުރުން ބޭރުގައި ވެސް މިކަން ކުރުމަކީ އަޅުގަނޑި އެދޭކަމެއް."
ނިޔާޒް

ދައުރުން ބޭރު ޖަލްސާ ބޭއްވުމާއި ގުޅޭގޮތުން ވާހަކަ ދައްކަން ނަޝީދު އެއްގަޑިއިރުގެ ވަގުތު ކަނޑައެޅުއްވުމުން، އިދިކޮޅު މެންބަރުން ވެސް ވަނީ އެކަމާ ނުރުހުންވެ ވާހަކަ ދައްކަވާފައެވެ. އިދިކޮޅު ޕާޓީތަކުގެ ބައެއް މެންބަރުންނާއި އަމިއްލަ ބައެއް މެންބަރުން ވެސް ވަނީ ވަގުތު ބޭކާރު ކުރުމުގެ ބަދަލުގައި ސީދާ ބިލަށް ބަހުސް ކުރުމަށް ވަގުތު ހޭދަ ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

މިއަދުގެ ޖަލްސާއަށް ބަހުސްކުރުމަށް ދިން އެއްގަޑިއިރުގެ ވަގުތު ހަމަވުމުން، ނަޝީދު ވަނީ ބިލުގެ ފުރަތަމަ ކިއުން އިއްވައިފައެވެ. އެއަށްފަހު މިއަދުގެ ޖަލްސާ ނިންމެވިއެވެ. ޖަލްސާ ނިންމުމުގެ ކުރިން ނަޝީދު ވަނީ ޕާޓީތަކުގެ ޕީޖީ ލީޑަރުންނާ ވާހަކަ ދެއްކުމަށްފަހު ބިލުގެ އިބްތިދާއީ ބަހުސް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެކަމަށް ވިދާޅުވެފައެވެ.