ދުނިޔޭގެ އެކި ހިސާބުތަކުގައި ހިންގާ މަތީ ތައުލީމު ދޭ މުއައްސަސާތައް ހިމަނައިގެން ކޮންމެ އަހަރަކުވެސް ޝާއިއުކުރަމުން އަންނަ ޓައިމްސް ހަޔާ އެޑިއުކޭޝަން ވޯލްޑް ރޭކިންގްގެ 1 ވަނަ ދަރަޖަ، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން އަނެއްކާވެސް ކަށަވަރުކޮށްފިއެވެ.
މިއީ އޮކްސްފޯޑް ޔުނިވާސިޓީއިން ވިދިވިދިގެން މިޝަރަފު ކާމިޔާބުކުރި 4 ވަނަ އަހަރެވެ.
ރޭކިންގަށް ބަލާއިރު ވިލާތުގެ ގައުމުތަކުގެ ތެރެއިން މަތީ ތައުލީމު އެންމެ ފުރިހަމަ ފެންވަރުގައި ފޯރުކޮށްދޭ ގައުމެއްގެ ޖަރުމަނުވިލާތުން އިނގިރޭސިވިލާތް ފަހަތަށް ޖައްސަމުންދާކަން ފާހަގަކުރެވެއެވެ. ނަމަވެސް މުޅި ރޭންކިންގަށް ބަލާއިރު ގިނަ މަގާމުތަކެއް ކަށަވަރުކޮށްފައި ވަނީ އެމެރިކާއިން ކަންވެސް ފާހަގަކުރަންޖެހެއެވެ. އެގޮތުން ގަދަ 10ގެ 7 މަގާމަކާ، ގަދަ 200ގެ 60 މަގާމެއް ކަށަވަރުކޮށްފައި ވަނީ އެމެރިކާއިންނެވެ.
ޓައިމްސް ހަޔާ އެޑިއުކޭޝަން ވާލްޑް ރޭކިންގް: ގަދަ 10
- އޮކްސްފޯޑް
 - ކެލިފޯނިއާ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ
 - ކޭމްބްރިޖް
 - ސްޓޭންފަޑް
 - މެސަޝޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ
 - ޕްރިންސްޓަން
 - ހާވަޑް
 - ޔޭލް
 - ޝިކާގޯ
 - އިމްޕީރިއަލް ކޮލެޖް ލަންޑަން
 
ޓައިމްސް ހަޔާ އެޑިއުކޭޝަން ވޯލްޑް ރޭކިންގް އެކުލަވާލާފައި ވަނީ ކިޔަވައިދިނުމުގެ ފެންވަރާއި، ދިރާސާކުރާ މިންވަރާ ދިރާސާތުގެ ފެންވަރުގެ އިތުރުން ސިނާއީ ފައިދާތަކާއި، ބައިނަލްއަގުވާމީ ގުޅުންތަކުގެ މައްޗަށް ބަލައިގެންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން 92 ގައުމަކުން 1300 ޔުނިވާސިޓީއެއް މި ލިސްޓުގައި ހިމެނޭއިރު ދިވެހިރާއްޖޭގެ އެއްވެސް ޔުނިވާސިޓީއަކަށް މި ރޭކިންގްއިން ފުރުސަތު ލިބިފައެއް ނެތެވެ.
