އެއްބަސްވުމަކާ ނުލާ އިނގިރޭސިވިލާތުން ވިލާތުގެ އިއްތިހާދުގެ މެމްބަރުކަން ދޫކޮށްލައިފިނަމަ މަގުމަތީގައި ކުރިމަތިލުންތައް ހިންގާ، ކާބޯތަކެތީގެ އަގު އުފުލި، ސިއްހީ ބޭސްފަރުވާގެ ސަޕްލައި އިންތިހާއަށް ދަށްވެގެން ދިއުމުގެ ނުރައްކަލާ އެގައުމަށް ކުރިމަތިލާންޖެހުމުގެ ފުރުސަތު އެބައޮތް ކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން އާންމުކުރި ލިޔެކިއުންތަކެއް ބުނެފިއެވެ.

އިނގިރޭސިވިލާތުން ވިލާތުގެ އިއްތިހާދުގެ މެމްބަރުކަން ދޫކޮށްލުން ނުވަތަ ބްރެގްޒިޓްގެ ސުންގަޑި، އަންނަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާއިރު އެއްބަސްވުމެއް އެކުލަވާ ނުލެވިއްޖެނަމަ ކުރިމަތިވެދާނެ ނުރައްކާތަކާ ގޮންޖެހުންތައް ބަޔާންކޮށް އިނގިރޭސިވިލާތުގެ މާލީ ވުޒާރާއިން "އޮޕަރޭޝަން ޔެލޯހެމާ"ގެ ނަމުގައި އެކުލަވާލާފައިވާ ލިޔެކިއުންތައް އާންމުކޮށްފައިވަނީ، އެކަމަށް ލާޒިމުކޮށް އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން ގާނޫނެއް ފާސްކުރުމާ ގުޅިގެންނެވެ.

"އޮޕަރޭޝަން ޔެލޯހެމާ" ކޮންޓިންޖެންސީ ޕްލޭނަކީ އެއްބަސްވުމަކާ ނުލާ ވިލާތުގެ އިއްތިހާދުގެ މެމްބަރުކަން ދޫކޮށްލަންޖެހިއްޖެނަމަ އިނގިރޭސިވިލާތަށް ކުރިމަތިލާންޖެހިދާނެ އެންމެ ނުތަނަވަސް ހާލަތްތައް ބަޔާންކޮށްފައިވާ ތަފްސީލީ ލިޔެކިއުންތަކެކެވެ. މިފަދަ ދަނޑިވަޅަކަށްވެސް އިނގިރޭސިވިލާތުން ދަނީ ތައްޔާރުވަމުންނެވެ.

އޮޕަރޭޝަން ޔެލޯހެމާގައި ފާހަގަކޮށްފައިވާ ބައެއް ހާލަތްތައް:

  • މުޒާހަރާތަކާ އެ މުޒާހަރާތަކުގެ ރައްދު މުޒާހަރާތަކެއް އިނގިރޭސިވިލާތުގެ އެކި ހިސާބުތަކުގައި ކުރިއަށްދިއުން
  • މުދާ އުފުލާ އުޅަނދުތައް 48 ގަޑިއިރެއްހާއިރު ވަންދެން މަޑުކުރަންޖެހުން
  • ބައެއް ވިޔަފާރިތައް ހުއްޓުމަކަށް އައުން
  • އެކި ޒާތުގެ ކަޅުބާޒާރުތައް އުފެދުން
  • އުމުރުން ދުވަސްވީ މީހުންނާ ގުޅޭ އިޖުތިމާއީ ދުޅަހެޔޮ ކަމުގެ މަޝްރޫއުތައް ހުއްޓުމަކަށް އައުން
  • ތާޒާ ކާބޯތަކެތީގެ ސަޕްލައި ދަށަށް ދިއުން
  • ކާބޯތަކެއްޗާ ހަކަތައިގެ އަގުއުފުލުން

ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިސް ވަޒީރެއް ކަމަށްވާ މައިކަލް ގަވް ވިދާޅުވީ، އަލުން މުރާޖައާކުރެވިފައިވާ ހާލަތްތަކާ، އެކަމަށް މީހުން އަހުލުވެރިކުރުވުމާ ބެހޭ ނުކުތާތަކެއް ހިމަނައިގެން އާ ލިޔެކިއުންތަކެއް ވަރަށް އަވަހަށް އާންމުކުރެވިގެންދާނެ ކަމަށެވެ.