ފުލުހުންނާއި ސިފައިންނަކީ ބޮޑެތި މުޖުރިމުން ކަމަށް މި ސަރުކާރާއި ވަކިން ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވާހަކަފުޅުންނާއި އަމަލުން ފެނިގެން ގޮސްފައިވާ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއާއި އަދި ޕީއެންސީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވި، ފުލުހުންނާއި ސިފައިންނަކީ މުޖްތަމައުގެ އަމަން އޮމާންކަން ބެލެހެއްޓުމަށް ތިބި މުއައްސަސާ ތަކެއް ކަމަށާއި، މި މުއައްސަސާތަކުގެ އަގު ވައްޓާލުމަށް މި ސަރުކާރުން ދައްކާ ވާހަކަތައް ޕްރޮގްރެސިވް ކޯލިޝަނުން ކުއްވެރިކުރާ ކަމަށެވެ.

"ފުލުހުންނާއި ސިފައިންނަކީ ބޮޑެތި މުޖުރިމުންކަމަށް މި ސަރުކާރާއި ވަކިން ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުންނާއި އަމަލުން ފެނިގެންއެބަދޭ. މި މުއައްސަސާތަކުގެ އަގު ވައްޓާލުމަށް މި ސަރުކާރުން ދައްކާ ވާހަކަތައް ޕްރޮގްރެސިވް ކޯލިޝަނުން ކުއްވެރިކުރަން. ޝަރުއީ ނިޒާމް އިސްލާހުކުރުމުގެ ނަމުގަ ޒާތީކޮށް، ހަސަދަ ފިލުވުމުގެ ނަމުގަ އިސްލާހު ގެންނާށޭ ކިޔާފަކުރާ ކަންކަމަކީ އަޅުގަނޑުމެން ކަންބޮޑުވާ މައްސަލައެއް" ޕީއެންސީގެ ނައިބު ރައީސް ޝުޖާއު ވިދާޅުވި އެވެ.

މި ޕްރެސް ކޮންފެރެންސުގައި ވާހަކަ ދައްކަވަމުން މާވަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހާއި ނުލާ ސަރުކާރު ނުހިންގޭނެ ކަމަށެވެ. އެގޮތައް އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ނިންމައި، މަޖިލިސް ޗުއްޓީއަށް ގޮސްފައި ވަނިކޮށް، މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުން ބޭއްވުމަށް އެޖެންޑާ ކޮށްފައި ވަނިކޮށެވެ. ސައީދު ވިދާޅުވީ މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން މަޖިލިސް ޗުއްޓީ ތެރޭގައި، އެއްވެސް ޖަލްސާއެއް ބާއްވާނެތޯއާއި އަދި މަޖިލިސް ޗުއްޓީއަަށް، ހަމަ ދަނީތޯ އެތައް ފަހަރަކު މަޖިލިސް ރައީސްގެ އަރިހުން އެއްސެވި ކަމަށެވެ. އެކަން އެގޮތައް ކުރެއްވީ މަޖިލީހާއި ނުލާ ސަރުކާރު ނުހިންގޭނެ ކަމަށް ޕްރޮގްރެސިވް ކޯލިޝަނުގެ މަޖިލިސް މެމްބަރުންނަށް އެނގިލައްވާތީކަމަަށް ސައީދު ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ޕްރޮގްރެސިވް ކޯލިޝަނުން ވަނީ މާދާމާ ރޭ "ދަވާލައިފި" މި ނަމުގައި އެ ކޯލިޝަންގެ ރެލީއެއް ކާނިވާ ސަރަހައްދުގައި އޮންނާނެކަން އިއުލާން ކޮށްފައެވެ. އަދި ވީހާވެސް ގިނަ ފަރާތްތަކަކުން އެ ރެލީއަށް ދިއުމަށް އެކޯލިޝަނުން ވަނީ އެދިފައެވެ. މާދަމާ ރޭގެ ރެލީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިގަންނަވާނެ ކަމެއް ނުވަތަ ނޫން ކަމެއް ޕްރޮގްރެސިވް ކޯލިޝަނަކުން ހާމައެއް ނުކުރެއެވެ. ނަމަވެސް އެ ކޯލިޝަނުން ބާއްވާ ރެލީތަކުގައި މީގެ ކުރިން ރައީސް ޔާމީން ބައިވެރިވެވަޑައިގެން ވާހަކަދައްކަވާފައި ވެއެވެ.