ޕާކިސްތާނުގެ ސަރުކާރަކީ ދެފުށް-ދެގޮތް ސަރުކާރެއް ކަމަށް ބުނެ، ޕާކިސްތާނުގެ ބަލޫޗިސްތާނު ޕްރޮވިންސްގެ ލީޑަރު މެހްރާން މާރީ، ޕާކިސްތާނުގެ މައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

އިންޑިއާއާއި ޕާކިސްތާނުންވެސް އެ ސަރަހައްދުގެ ފުރިހަމަ މިލްކުވެރިކަމަށް ވަކާލާތު ކުރަމުންދާ ޖައްމުއާއި ކަޝްމީރުގެ ޕާކިސްތާނާ ވީ ފަޅީގެ މީހުން ދިރިއުޅެމުންދާ އުފާވެރި މާހައުލް ބަލާލުމަށް ބައިނަލްއަގުވާމީ މީޑިއާއަށް ދައުވަތު އަރުވަމުން، ސްވިޓްޒަލަންޑްގެ ޖެނީވާގައި ކުރިއަށްދާ އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ބައްދަލުވުމުގައި ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހް މަޙްމޫދު ގުރައިޝީ ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން ބަލޫޗިސްތާނުގެ ލީޑަރު ބުނީ، ޕާކިސްތާނުގެ ސަރުކާރުން އެ ޕްރޮވިންސްގައި ގަތުލުއާންމު ހިންގާ، އިންސާނީ ހައްގުތައް ނިގުޅައިގަންނަމުންދާކަމަށެވެ.

ކަންމިހެން އޮތްއިރު، ޕާކިސްތާނުގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ބައިވެރިއެއްގެ ގޮތުގައި އޮތް ޗައިނާއިން ވީގޫރު ދަރިކޮޅުގެ މުސްލިމުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތަކަށް ޕާކިސްތާނުގެ ސަރުކާރުން އަޅާނުލާ ދޫކޮށްލާފައިވާކަމަށްވެސް ބަލޫޗިސްތާނު ޕްރޮވިންސްގެ ލީޑަރު ވަނީ ތުހުމަތުކޮށްފައެވެ. ބަލޫޗިސްތާނުގައި ލާއިންސާނީ އަނިޔާ ދެމުންދިއުމުގައި ޕާކިސްތާނުގެ ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި އޮތް ޗައިނާއިން މުސްލިމުންނަށް ކުރާ އަނިޔާ ޕާކިސްތާނުގެ ސަރުކާރަށް ނުފެންނަނީ ލޮލުގެ ފެނުން ގެއްލި "އަނދިރިވެފައި" ވާތީ ތޯވެސް އޭނާ ވަނީ ސުވާލުކޮށްފައެވެ.

އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި ގުރައިޝީ ކުރެއްވި ތަގުރީރަށް ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ. އެ މަޖިލީހުގައި ގުރައީޝި ތަގުރީރުކުރައްވަމުންގެންދެވިއިރު، ޕާކިސްތާނުގެ އިންސާނީ ހައްގުތަކުގެ މައްސަލާގައި، މަރުކަޒީ އިދާރާގެ ބޭރުގައި ގިނަ ބަޔަކު މުޒާހަރާކުރި ކަމަށްވެސް ޚަބަރު ލިބެއެވެ.