އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ 2:00 އާ ހަމައަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ފުރުސަތު ހުޅުވާލައިވާފައި މިވަނީ އެ ކޮމިޝަނުގެ މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު 24 ނޮވެންބަރު 2019 އަށް ހަމަވާތީ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

އިސީގެ މެންބަރު ކަމަށް ފުރުސަތު ހުޅުވާލާފައި ވަނީ އެ ކޮމިޝަނުގެ ނާއިބު ރައީސް ކަމުގައި ހުންނެވި އަމްޖަދު މުސްތަފާގެ މެންބަރު ކަމުގެ މުއްދަތު އަންނަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހަށް ހަމަވާތީއެވެ.

މިހާރު އެ ކޮމިޝަނުގައި ތިއްބަވަނީ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފާއި ކޮމިޝަނުގެ ނާއިބު ރައީސް އަމްޖަދު މުސްތަފާއާއި ތަރުޖަމާނު އަހުމަދު އަކްރަމްގެ އިތުރުން އިސްމާއިލް ހަބީބު އަދި އަލީ ނަޝާތުއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ގާނޫނު ބުނާގޮތުން އެ ކޮމިޝަނުގެ މެންބަރު ކަމަށް ބޭފުޅުން އައްޔަން ކުރައްވާނީ ރައީސްއެވެ. ރައީސް އޮފީހުން ބުނީި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު އެ އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސް އޮފީހުގެ ވެބްސައިޓުން ލިބޭނެކަމަށެވެ.