މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން ތަހުގީގު ކުރަމުންދާ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލައާއި ފުލުހުން ހިންގާ އޮޕަރޭޝަން ކަނޑުމަތީގައި ވެސް ފަށައިފިއެވެ.

ފުލުހުން ބުނީ މަރު ކޮމިޝަނުން ތަހުގީގު ކުރާ މައްސަލަތަކާއި ގުޅިގެން އެ ކޮމިޝަނުން ބަލާ ފާސްކުރަން ބޭނުންވާ ތަންތަނާއި، މީހުން ބަލާފާސްކުރުމަށް ހިންގާ އޮޕަރޭޝަނުގައި މިއަދު މާލޭގެ ދެ ގެއަކާއި ހުޅުމާލޭގެ ގެއެއް ބަލާ ފާސްކުރުމުގެ އިތުުރުން ކަނޑުމަތީގައި ވެސް އޮޕަރޭޝަން ކުރިއަށްގެންދާކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ހ. ހިލްޓަން އަދި ހީނާމާގެ ދަނީ ބަލާ ފާސްކުރަމުންނެވެ. މީގެ ތެރެެއިން ހިލްޓަން އަކީ އުނގޫފާރުދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝިމް އަލީގެ މަރުގެ މައްސަލައިގައި ހިމެނޭ އަޒްލީފް ރައޫފް އަދި ރިޟްވާން ގެއްލުވާލި މައްސަލައިގައި ހިމެނޭ އާލިފް ރައޫފްގެ ގެއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަންގައި ތަންތަނާއި މީހުން ބަލާފާސްކުރަނީ އެ ކޮމިޝަނުގެ އެދުމަށް ކޯޓުން ނެރެފައިވާ އަމުރުތައް ތަންފީޒުކުރުމަށް ކަމަށެވެ. އަދި ތަންތަނާއި މީހުން ބަލާފާސްކުރުމުގެ ކަންކަން ކުރިއަށް ގެންދަނީ ފުލުހުން ކަމަށާއި، ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑާއި، ފޮރެންސިކް ސާވިސް ޑިޕާޓްމަންޓާއި، ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓާއި އަދި ޑިވިޝަނަލް ޕޮލިސިން ކޮމާންޑުގެ ފުލުހުން މި އޮޕަރޭޝަންގައި ބައިވެރިވާ ކަމަށެވެ.

އަދި މި އޮޕަރޭޝަން ކުރިއަށް ދާއިރު މާލޭ އާއި އައްޑޫ ސިޓީގެ އާއްމު ސަލާމަތީ ކަންކަން ވެސް ފުލުހުން އިތުރަށް ވަރުގަދަކޮށްފައިވާނެ ކަމަށާއި، އެއްވެސް ފަރާތަކުން މި މަސައްކަތަށް އެހީތެރިވެވޭފަދަ މައުލޫމާތެއް ދެއްވަން ބޭނުންވާނަމަ ފުލުހުންނަށް ގުޅުމަށް ވަނީ އެދިފައެވެ.