ޖައްމުއާއި ކަޝްމީރަކީ އިންޑިއާގެ ސްޓޭޓެއް ކަމަށް ޕާކިސްތާނުގެ ޝާހް މަޙްމޫދު ގުރައިޝީ ވިދާޅުވެއްޖެއެވެ.

ސުވިޓްޒަލޭންޑްގެ ވެރިރަށް ޖެނީވާގައި މިހާރު ކުރިއަށްދާ އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ގުރައިޝީ މިފަދަ މޭރުމަކުން ވިދާޅުވެފައި ވާއިރު، ޕާކިސްތާނުން މީގެ ކުރިން މުޅިންވެސް ޖައްމުއާއި ކަޝްމީރަށް އިޝާރާތް ކޮށް ބުނަމުންދިޔައީ "އިންޑިއާއިން އިދާރީ ކަންކަން ބަލަހައްޓާ ކަޝްމީރު"ގެ ނަމުންނެވެ.

ޖައްމުއާއި ކަޝްމީރަކީ އިންޑިއާގެ ސްޓޭޓެއް ކަމުގައި ގުރައިޝީ ވިދާޅުވީ، އެސަރަހައްދުގައި ހަމަޖެހުން ގާއިމުވެފައި ވާކަމަށް އިންޑިއާއިން ބުނާއިރު ބައިނަލްއަގުވާމީ މިޑީއާއަށް އެސަރަހައްދަށް ވަނުމުގެ ފުރުސަތު އިންޑިއާއިން ނުދެނީ ކީއްވެގެންތޯ ސުވާލު ދަންނަވަމުންނެވެ.

ގުރައިޝީއަށް މިހެން ވިދާޅުވުމާއެކު އިންޑިއާގެ މީޑިއާގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ. އަދި ޕާކިސްތާނަށް ފުރައްސާރަ ކުރުމުގެ ގޮތުން އެކި ކަހަލަ ކްލިޕްތަކާ މަންޒަރުތައް އިންޑިއާގެ އެކި ޗެނަލްތަކުންވަނީ ދުރަށް ފޮނުވަން ފަށާފައެވެ. އެގޮތުން ޕާކިސްތާނުގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވި އެކި ބޭފުޅުންނަށް އެކި ދުވަސްވަރު ސޯޝަލް މީޑިއާގައި އަރާފައިވާ އޮޅުންތައް އާންމުކޮށް، ފުރައްސާރަ ކޮށްފައިވެއެވެ.