އަންނަ ހަފުތާގައި އިސްރާއީލުގައި އޮންނަ އާންމު އިންތިހާބުގައި ކުރި ލިބިވަޑައިގެންފި ނަމަ، އިސްރާއީލުން ވެރިވެގެންފައިވާ ހުޅަނގު އައްސޭރީގައި އޮތް އުރުދުން ވާދީ، އިސްރާއީލު ސަރުކާރުގެ ދަށަށް ގެންދާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ވައުދުވެވަޑައިގެންފި އެވެ.

ނަތަންޔާހޫގެ މި ވައުދާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ މުސްލިމުން ދަނީ އިސްރާއީލުގެ ޔަހޫދީންނާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

ޓީވީ މެދުވެރިކޮށް ވަގުތުން ދުރަށް ފޮނުވަމުން ދިޔަ ތަގުރީރެއްގައި ނަތަންޔާހޫ ވިދާޅުވީ އިންތިހާބުވެ، އާ ސަރުކާރު އެކުލަވާލެވޭ ވަގުތުން ފެށިގެން އުރުދުން ވާދީއާއި ޑެޑް ސީގެ އުތުރުން އޮންނަ ސަރަހައްދުތައް، އިސްރާއީލުގެ އިސްތިގުލާލުގެ ތެރެއަށް ވެއްދޭނެ ކަމަށާ، އެކަން ކުރެވެން އޮތީ ރައްޔިތުން ސާފު މެޖޯރިޓީ ދީގެން ކަމަށެވެ.

ޑެޑް ސީގެ އުތުރުން އޮން ސަރަހައްދުތަކާއި އުރުދުން ވާދީ އަކީ ހުޅަނގު އައްސޭރީގެ ގާތްގަނޑަކަށް 30 ޕަސެންޓެވެ. މި ސަރަހައްދުގެ ވަޒަންވެރިންގެ ގޮތުގައި ފަލަސްޠީނުގެ 65000 އެއްހާ ރައްޔިތުން ތިބިއިރު، ގަވައިދާ ހިލާފަށް ދިރިއުޅޭ އިސްރާއީލު ރައްޔިތުންގެ އަދަދު 11000 އަށް އަރައެވެ.

އަންނަ ހަފުތާގައި އޮންނަ އިސްރާއީލުގެ އާންމު އިންތިހާބުގައި ނަތަންޔާހޫއަށް ވަނީ ބޮޑު ވާދަވެރިކަމަކާ ކުރިމަތިލައްވަން ޖެހިފައެވެ.

ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސް ވިދާޅުވީ، ނަތަންޔާހޫ މިފަދަ ފިޔަވަޅެއް އަޅުއްވައިފި ނަމަ އިސްރާއީލާއެކު އެކުލަވާލާފައިވާ ހުރިހާ އެއްބަސްވުމެއް ބާތިލުވާނެ ކަމަށާ، އަދި އެއްބަސްވުންތަކުން ދެން ލާޒިމުކުރާ ކަންކަންވެސް ބާތިލުވެގެން ދާނެ ކަމަށެވެ.

ފަލަސްޠީނުގެ ބޮޑުވަޒީރު މުޙައްމަދު ޝަތިއްޔާ ވިދާޅުވީ ނަތަންޔާހޫއަކީ ސުލްހައިގެ މަޝްވަރާތައް ސުންނާފަތި ކޮށްލުމުގެ "މޭސްތިރި" ކަމަށެވެ. އަދި ފަލަސްޠީނުގެ ބިންތަކަކީ ނަތަންޔާހޫގެ ކެމްޕޭންގެ ބައެއް ނޫން ކަމަށްވެސް ޝަތިއްޔާ ވަނީ ވިދާޅުވެފައެވެ.

ޢަރަބި ލީގުން ބުނީ ނަތަންޔާހޫގެ މި ވައުދަކީ އިސްރާއީލާ ފަލަސްޠީނުގެ ސުލްހައަށް އޮތް ކުޑަނަމަވެސް ފުރުސަތު ނަގާލާ ކަމެއް ކަމަށެވެ.

ސައުދީ އަރަބިއްޔާއިން ބުނީ މިއީ ޣައިރު ގާނޫނީ ވައުދެއް ކަމަށާ، މިއީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އެޅޭ ނުރައްކާތެރި ފިޔަވަޅެއް ކަމަށެވެ. މީގެ އިތުރުން، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމަކަށްވެސް ސައުދީއިން ވަނީ ގޮވާލާފައެވެ.