ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެއާއި ޗައިނާ ބައްދަލުކުރި މެޗުން ރާއްޖެކޮޅަށް 5 ގޯލު ޖަހާ ޗައިނާ އިން ކާމިޔާބު ހޯދައިފިއެވެ.

މިރޭ ގަލޮޅު ދަނޑުގައި ކުރިއަށް ދިޔަ މި މެޗުން ރާއްޖެ ބަލިވެފައި ވާއިރު، މި ގްރޫޕްގައި ހިމެނޭ ހަތަރު ގައުމުގެ ތެރެއިން ގޯލުގެ ތަފާތުން ކުރި ހޯދައިގެން ޗައިނާ އޮތީ މިހާރުވެސް އެއްވަނައިގައެވެ. ދެވަނައިގައި ސީރިޔާ، ތިންވަނައިގައި ފިލިޕީންސް އަދި ހަތަރުވަނައިގައި ރާއްޖެ އޮތްއިރު ގްރޫޕުގެ ފަހަތުގައި އޮތީ ގުއާމްއެވެ. މި ގްރޫޕުގައި ހިމެނޭ ގައުމުތަކުގެ ތެރެއިން ގުއާމް ފިޔަވައި އެހެން ހުރިހާ ގައުމަކަށްވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ.

މިރޭގެ މެޗުން ރާއްޖެ ބަލިވެފައި މިވަނީ، ސަރުކާރުގެ ފަރާތުން ކުޅުންތެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން، މިރޭގެ މެޗުން ބަލިނުވެ ސަލާމަތް ވެއްޖެނަމަ ކޮންމެ ކުޅުންތެރިޔަކަށް އެއް ލައްކަ ރުފިޔާގެ ބޯނަހެއް ދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓާ އޮފް ޔޫތް ސްޕޯޓްސް އެންޑް އެމްޕަވާމަންޓް އަހްމަދު މަހުލޫފު ވިދާޅުވެފައި ވަނިކޮށެވެ. މެޗުގެ ކުރިން މިނިސްޓަރު މަހްލޫފް ގައުމީ ފުޓްބޯޅަ ޓީމާ ބައްދަލު ކުރައްވައި މިހެން ވިދާޅުވެފައި ވާއިރު، މިރޭގެ މެޗުން މޮޅުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

ރާއްޖެ ދެން ބައްދަލުކުރާނީ ސީރިއާއާ އެވެ. ޗައިނާ ދެން ބައްދަލު ކުރާނީ ފިލިޕީންސްއާއެވެ. ރާއްޖެއާއި ސީރިޔާއާ ބައްދަލު ކުރާ މެޗު އޮންނާނީ އަންނަ މަހުގެ 10 ގައެވެ.