އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ހޯދި ކާމިޔާބީއަށް ފަތިމަތު ދީމާއަށް ބައި މިލިއަން ރުފިޔާ ދޭން ނިންމާފައިވާ ކަމަށް މިނިސްޓާ އޮފް ޔޫތް ސްޕޯޓްސް އެންޑް އެމްޕަވާމަންޓް އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހްލޫފް މިހެން ވިދާޅުވީ، ވޯލްޑް ކަޕް ކޮލިފައިންގައި މިހާރު ގަލޮޅު ދަނޑުގައި ކުރިއަށްދާ މެޗުގައި ބަލި ނުވެއްޖެނަމަ ކޮންމެ ކުޅުްނތެރިއަކަށް 1 ލައްކަ ރުފިޔާ ދޭން ބުނުމާއި ގުޅިގެން އާންމުންގެ ފާޑުކިއުން އަމާޒުވެފައި ވަނިކޮށެވެ. އެގޮތުން މިނިސްޓާރު މަހްލޫފް ވޯލްޑް ކަޕްގައި ކުޅޭ ވަރުގަދަ ޗައިނާ އަތުން ރާއްޖޭގެ ގައުމީ ޓީމް ބަލިނުވެއްޖެނަމަ ކުޅުންތެރިންނަށް 1 ލައްކަ ރުފިޔާ ވެސް މަދު ކަމަށާއި، ފުޓް ބޯޅަ ނޫން އެހެން ކުޅިވަރަށް ވެސް ވަރަށް ބޮޑު ހަރަދެއް ކުރައްވާ ކަމަށެވެ.

އެހެން ކުޅިވަރަށް ވެސް ހަރަދު ކުރައްވާ ކަމަށް ފާހަގަ ކުރައްވާ މިނިސްޓަރު މަހްލޫފް ވިދާޅުވީ، އައިއޯއައިޖީގައި ޓޭބަލް ޓެނިހުން ރާއްޖެއަށް ތިން ރަން މެޑަލް ހޯދައިދިން ދީމާއަށް 535000 ރުފިޔާ ލިބޭނެ ކަމަށެވެ. މިނިސްޓަރު މަހްލޫފް އިތުރަށް ވިދާޅުވީ، އޭނާގެ ޒިންމާގެ ތެރޭގައި ކުޅިވަރު ތަރައްގީކޮށް ކުރިއަރުއްވާ ކަމަށާއި ރާއްޖެއަށް ރީތިނަން ހޯދައި ދެއްވުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.

ގައުމީ ފުޓްބޯޅަ ޓީމުން މިރޭގެ މެޗުން ބަލި ނުވެއްޖިއްޔާ، ކޮންމެ ކުޅުންތެރިއަކަށް ސަރުކާރުން 1 ލައްކަ ރުފިޔާ ދިނުމަށް ހުށަހެޅުމާއި އެކު، ބައެއް އާންމުންގެ ފާޑުކިއުން ވަނީ ސަރުކާރަށް އަމަޒުވެފައެވެ. އެގޮތުން، ސަރުކާރުން ފުޓްބޯޅައަށް ބަހައްޓާ އަހަންމިއްޔަތުކަން އެހެން ކުޅިވަރުތަކަށް ނުބަހައްޓާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.