މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނުގެ ރިޕޯޓާ ގުޅިގެން ފުލުހުން ގެތަކަށް ވަދެ ފާސްކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ، މިހާރު އެސްއޯ ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނަކީ މަރު ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކާއި ގުޅިގެން އެ ކޮމިޝަނުން ބަލާ ފާސްކުރަން ބޭނުންވާ ތަންތަނާއި، މީހުން ބަލާ ފާސްކުރުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

ފުލުހުން ބުނީ، މިހާރު ކުރިއަށްދާ އޮޕަރޭޝަނަކީ، މަރު ކޮމިޝަނުގެ އެދުމަށް ކޯޓުން ނެރެފައިވާ އަމުރުތައް ތަންފީޒު ކުރުމަށްޓަކައި ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި، ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑާއި، ފޮރެންސިކް ސާވިސް ޑިޕާޓްމަންޓާއި، ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓާއި އަދި ޑިވިޜަނަލް ޕޮލިސިން ކޮމާންޑުގެ ފުލުހުން ބައިވެރިވާ ކަމަށް ފުލުހުން ބުނެއެވެ.

މި އޮޕަރޭޝަން ކުރިއަށް ދާއިރު މާލޭ އާއި އައްޑޫ ސިޓީގެ އާއްމު ސަލާމަތީ ކަންކަން ފުލުހުން އިތުރަށް ވަރުގަދަ ކޮށްފައިވާއިރު، ފުލުހުން ވަނީ އެއްވެސް ފަރާތަކުން މި މަސައްކަތަށް އެހީތެރިވެވޭފަދަ މައުލޫމާތެއް ދޭން ބޭނުންވާނަމަ 3322111 ނުވަތަ 119 އަށް ގުޅާ މައުލޫމާތު ހިއްސާކޮށްދިނުމަށް އެދިފައެވެ.

މަރު ކޮމިޝަނުން ނެރެފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން މަރާލި މައްސަލައާ ގުޅޭ ރިޕޯޓާ ގުޅިގެން، ތުހުމަތު ކުރެވޭ 14 މީހެއްގެ ޕާސްޕޯޓް އިމިގްރޭޝަނުން ވަނީ މަރު ކޮމިޝަނުގެ އެދުމަކަށް މިމަހު 1 ވަނަ ދުވަހު ހިފަހައްޓާފައެވެ. ހަމަ އެދުވަހު، ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވަނީ ރިޟްވާންގެ މަރާ ގުޅިގެން އެ ކޮމިޝަނުން ކުރި ތަހުގީގުގެ ތަފްސީލީ ވާހަކަތަކެއް ހާމަ ކުރައްވާފައެވެ. އަދި އެ މައްސަލާގައި ތުހުމަތު ކުރެވޭ ގިނަ ފަރާތްތަކަކަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ސުއޫދު ވަނީ ވިދާޅުވެފައެވެ.

ފުލުހުން ފާސް ކުރަމުންދާ ގެތަކުގެ ތެރޭގައި، ހ.ނައިޓްވިއު، ގ.އަނޫރާނީގެ، އިވޯ ހޯމް ހުންނަ އިމާރާތުގެ ގެއެއް، ގާކޮށު ފްލެޓްގެ 5 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއް އަދި، ސ.ފޭދޫ ގުރަހާގެ އަގްލީލް (ކިޑޫ) ދިރިއުޅޭ ގެ ހިމެނެއެވެ.