ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ޗައިނާއާ ރާއްޖެ ބައްދަލު ކުރާ މެޗުން ރާއްޖޭގެ ގައުމީ ޓީމު ބަލި ނުވެ މެޗު ނިންމާލައިފި ނަމަ، ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް 1 ލައްކަ ރުފިޔާގެ ބޯނަސްއެއް ލިބޭނެ ކަމަށް މިނިސްޓާ އޮފް ޔޫތް ސްޕޯޓްސް އެންޑް އެމްޕަވާމަންޓް އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މިރޭގެ މެޗުގެ ކުރިން ގައުމީ ފުޓްބޯޅަ ޓީމާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ މިރޭގެ މެޗުން މޮޅުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން ކުޅުންތެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން، މިރޭގެ މެޗުން ބަލިނުވެ ސަލާމަތްވެއްޖެނަމަ ކޮންމެ ކުޅުންތެރިޔަކަށް އެއް ލައްކަ ރުފިޔާގެ ބޯނަހެއް ދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު މަހުލޫފް ވިދާޅުވިއެވެ.

ޔޫތް މިނިސްޓަރުގެ އިތުރުން ފުޓްބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް ވަނީ، މިރޭގެ މެޗުން މޮޅުވެއްޖެނަމަ އެފްއޭއެމުން ކުޅުންތެރިންނަށް ބޯނަސް ދޭން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ބައްސާމަ ވިދާޅުވީ، ސަރުކާރުން ޓީމަށް މި ހުށަހެޅި ބޮޑު ސަޕްރައިޒްގެ ސަބަބުން ފުޓުބޯޅައަށާއި ގައުމީ ޓީމަށް އޮތް އިތުބާރު އެނގިގެން ގޮސްފި ކަމަށެވެ.

ގައުމީ ފުޓްބޯޅަ ޓީމަށް ސަރުކާރުން ހުށަހެޅި މި ހުށަހެޅުމާއި އެކު، ބައެއް އާންމުންގެ ފާޑުކިއުން ވަނީ ސަރުކާރަށް އަމަޒުވެފައެވެ. އެގޮތުން، ސަރުކާރުން ފުޓްބޯޅައަށް ބަހައްޓާ އަހަންމިއްޔަތުކަން އެހެން ކުޅިވަރުތަކަށް ނުބަހައްޓާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި ސަރުކާރުން ގައުމީ ޓީމުގެ ކޮންމެ ކުުންތެރިއަކަށް 1 ލައްކަ ރުފިޔާ ދެވޭ އިރު، ގައުމީ ފަތާ ޓީމު، ގައުމު ތަމްސީލު ކުރުމަށް އިންޑިއާގައި އޮތް މުބާރާތެއްގައި ބައިވެރިވުމަށް އެދުނު އިރު، އެ ޓީމަށް ސްޕޮންސާ ނުކުރެވުނު ކަން ވެސް ބައެއް ފަރާތްތަކުން ފާހަގަ ކުރިއެވެ.