ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން 9 ކަމެއް ފާހަގަ ކޮށްފިއެވެ.
އޭސީސީގެ އެންގުންތަކަށް ސަރުކާރުގެ ވުޒާރާތަކުން އަމަލުކުރާ މިންވަރު ދެނެގަތުމުގެ ގޮތުން އެ ކޮމިޝަނުން ކޮށްފައިވާ ދިރާސާ ރިޕޯޓުގެ ފަސްވަނަ ނަންބަރުގައި ބުނެފައިވަނީ އެ ކޮމިޝަނުން އަންގާ އެންގުންތަކަށް އިދާރާތަކުން ޢަމަލުކުރާ މިންވަރު އަދި ނުކުރާ މިންވަރު ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ކޮމިޝަނުން އަންގާ އެންގުންތައް ޔުނިޓުތަކުން މޮނިޓާ ކުރުމުގެ މަސްއޫލިއްޔަތު ޤާއިމު ކުރެވިފައި ވީނަމަވެސް އެ މަސައްކަތަށް ބޭނުންވާ ވަށާޖެހޭ ނިޒާމަކަށް ޢަމަލުކުރެވޭނޭ ގޮތްތަކަކަށް ޔުނިޓްތަކުގެ މަސައްކަތް ބައްޓަން ކުރަންޖެހޭ ކަމަށެވެ.
އެ ކޮމިޝަނުން ބުނީ އެކަން އެންމެ ފުރިހަމައަށް ކުރެވެން އޮތީ އެކަމަށް އެކަށޭނަ އިންސާނީ ވަސީލަތާއި އޮފީހަށް ބޭނުންވާ ޖާގަ އަދި ބަޖެޓް ލިބިގެން ކަމަށެވެ. އެގޮތުން، އެ މަސައްކަތަކީ ދާއިމީ ގޮތެއްގައި ބަލާ ވަޒަންކޮށް ކުރަންޖެހޭ މަސައްކަތަކަށްވާއިރު، އެ މުހިއްމު މަސައްކަތް ކޮންމެވެސް އެއް ޔުނިޓެއްގެ ތެރެއިން ވިލަރެސްކޮށް ބަލަހައްޓާނޭ ގޮތަކަށް ކޮމިޝަނުގެ އޮނިގަނޑަށާއި ކަމާގުޅޭ ޔުނިޓުތަކުގެ ފަންކްޝަންސްތަކަށް ބަދަލުގެނެސް އެކަން ބަލާ މޮނީޓާ ކުރުމަށް ދާއިމީ ވަކި ކޮމިޓީއެއް އުފެއްދުމަކީ ބޭނުންތެރި ކަމެއް ކަމަށް އޭސީސީގެ ދިރާސީގައި ބަޔާންކޮށްފައިވެއެވެ.
ކޮރަޕްޝަން ހުއްޓުވުމަށް އޭސީސީން ފާހަގަކޮށްފައިވާ ބައެއް ކަންކަން:
- ކޭސް މެނޭޖްމެންޓް ސިސްޓަމް ގެތެރެއިން ލިސްޓް/ކޭސްތަކަށް އިންފޮމޭޝަން ޓެކްނޮލޮޖީ ސެކްޝަން މެދުވެރިކޮށް ކޮމިޝަނުން އަންގާ އެންގުންތަކާއި ގުޅޭ ރިޕޯޓުތައް ޖެނެރޭޓުކޮށް ބެލޭނޭ ފަސޭހަ ނިޒާމެއް ކޮމިޓީގެ މެމްބަރުންނަށާއި ޕީރޫއަށް ޤާއިމްކޮށްދިނުން.
- މަސައްކަތްތަކާއިގުޅިގެން ކަމާގުޅޭ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި ފަންނީ ގާބިލުކަން ފޯރު ކޮށްދިނުން
- މި މަސައްކަތުގެ މަސްއޫލިއްޔަތުތައް މުރާޖަޢާކޮށް، ބަދަލުގެނެސް، ޔުނިޓުތަކުގެ މެދުގައި މަސައްކަތްތައް ނަގުލުކުރުމުގައި، މަސައްކަތުގެ ޒިންމާ އާއި މަސްއޫލިއްޔަތު ލިއުމުން ބަދަލުކޮށް އަދި ޔުނިޓްތަކުގެ އެސްއޯީޕއަށް ބަދަލުގެނައުން
އޭސީސީގެ ދިރާސާ ރިޕޯޓުގައި ކޮމިޝަނުން އެކިފަހަރުމަތިން ބައެއް އިދާރާތަކުން މައުލޫމާތު ހޯދުމަށް އެދިފައިވީ ނަމަވެސް އެ އިދާރާތަކުން އެންމެ އެކަށީގެންވާ ގޮތެއްގައި އެއްބާރުލުން ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން ބައެއް އިދާރާތަކުން ޖަވާބު ދިނުމުގައި، ކޮމިޝަނުން އެންގި އެންގުމަށް ސީދާ ޢަމަލު ކުރިގޮތް ބަޔާންކޮށްފައި ނެތުމުގެ ސަބަބުން، އެއީ ނިންމާފައިވާގޮތް ނޭނގޭ ޑޭޓާގެ ގޮތުގައި ނިންމަން ޖެހުން ކަމަށްވެސް އޭސީސީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.