19 ވަނަ ރައްޔިތުންގެ މަޖިލިސް ހިންގަމުން ދަނީ އެމްޑީޕީގެ ހަރުގެ ހިންގާ އުސޫލުން ކަމަށް ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރައްވާ އަދުރޭ ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ގޮތުގައި މިއަދު ރައްޔިތުންގެ މަޖިލިސް ހިންގަމުން ދަނީ އެމްޑީޕީގެ ހަރުގެ ހިންގާ ގޮތަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެތަން ސިފަ ކުރައްވާ ގޮތް ތަފާތު ވެދާނެ ކަމަށާ، މަޖިލީހުގައިި 10 ވަރަކަށް އަހަރު މަސައްކަތް ކުރައްވައިފައި ހުންނެވުމުން، އޭނާ ގަބޫލު ކުރައްވާ ގޮތް ތަފާތު ކަމަށެވެ.
އަދުރޭ ވިދާޅުވީ މަޖިލީހުގެ މަސައްކަތަށް މާބޮޑު ފާޑުކިއުމުގެ މާނައެއް ނެތް ކަމަށާ، އެއީ ރައްޔިތުންގެ މަޖިލީހުގެ ތަނަވަސް އަޣުލަބިއްޔަތު އޮތީ އެމްޑީޕީއަށް ކަމުން ކަމަށެވެ. އަދި އެތަން ހިނގާނީ އެމްޑީޕީން ބޭނުންވާ ގޮތަށް ކަމަށާ، އެކަމާ ދެބަސްވެވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް އެމްޑީޕީން ބޭނުންވާ ގޮތަކީ ގައުމަށް ބޭނުންވާ ގޮތް ކަމުގައި ނުވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރައްޔިތުންނަށް ފައިދާ ހުރި ބިލްތަކެއް މަޖިލީހުން މިހާތަނަށް ފާސްކޮށްފައި ނެތްކަމަށެވެ. އަދި މަޖިލީހުން ކުރާ މަސައްކަތަކީ ރަައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ މަސައްކަތް ކަމަަށް އޭނާ ވިދާޅުވިއެވެ.
ދާދި ފަހުން، އިންޓަ ޕާލިމެންޓްރީ ޔޫނިއަން (އީޕީޔޫ) ގެ ބައްދަލުވުން މަޖިލިސް ކުރާގޭގައި ބޭއްވުމުން އެކަމަށް ވެސް އަދުރޭ ވަނީ ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މަޖިލީހުގައި އީޕީޔޫ ކަމަށް ވިޔަސް އަދި އެހެން ބަޔަކަށް ވިޔަސް، ތަގްރީރުކުރަން ބަޔަކު ވަޑައިގެންފި ނަމަ ރައްޔިތުންގެ މަޖިލީހުގެ ދާއިރާތަކަށް ހާއްސަ ކުރެވިފައި ހުރި ގޮނޑިތައް، އެ ގޮނޑިތަކަށް ރައްޔިތުން އިންތިހާބު ކުރެވިފައި ތިބި މެންބަރުން ނަގާ އެހެން ބަޔަކު ނުބޭތިއްބޭނެ ކަމަށެވެ.
އަދުރޭ ވިދާޅުވީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވެއްޖެެ ނަމަ، އެކަން އެހެންތާކު ވެސް ކުރެއްވިދާނެ ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދު ބުނާގޮތުން އެ ޖަލްސާ ބާއްވަން ޖެހޭނީ މަޖިލީހުގެ ތަޅުމުގައި ކަމަކަށް ދެކެވަޑައި ނުގަންނަވާ ކަމަށް އަދުރޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބޭރުން އަންނަ ބޭފުޅުންނަށް ޖެހޭނީ މަޖިލީހުގައި އިތުރު ގޮނޑި ބަހައްޓައިގެން އިންނަވާނެ ތަނެއް ދައްކަން ކަމަށާ، މިހާރު މަޖިލިސް ހިންގަނީ ހިންގަން ޖެހޭ ގޮތަށް ނޫން ކަމަށެވެ.