ގަލޮޅު ދަނޑު ތަޅާލައި އާ ސްޓޭޑިއަމްއެއް އަޅަން ފައިސާ ހޯއްދަވަމުން ގެންދަވާކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މަހުލޫފް މިހެން ވިދާޅުވީ ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ރާއްޖެ އާއި ޗައިނާ ކުޅޭ މެޗް ބަލަން ސަޕޯޓަރުން ތިބެން ދަނނޑު ސިޑި ބޭނުން ނުކުރަން ޕްލޭނިން މިނިސްޓްރީން ބުނެފައިވާތީ އެތަން ބޭނުންކުރުމުގެ ހުއްދައެއް ނުދެއްވާނެ ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.
ފުޓްބޯޅަ ކޯޗު އަލީ ސުޒޭން ކުރެއްވި ޓްވީޓެއްގެ ޖަވާބުގައި މަހުލޫފު ވިދާޅުވެފައިވަނީ ސިޑިބަރި ބޭނުން ނުކުރަން ޕްލޭނިން މިނިސްޓްރީން އަންގާފައި ވަނިކޮށް، ރައްޔިތުންގެ ފުރާނަ އަށް ގެއްލުމެއް ލިބިދާނެ ކަމެއް ކުރަން ހުއްދައެއް ނުދެއްވޭނެ ކަމަށެވެ.
ސުޒޭން ވިދާޅުވެފައި ވަނީ މިރޭގެ މެޗަށް ސަޕޯޓަރުން ވެއްދުމަށް މިނިސްޓަރު މަހުލޫފާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކަމާބެހޭ އެކްސްޕާޓުންނާ މަޝްވަރާކުރައްވައި ސާވޭ އަލުން ހައްދަވައިގެން ނަމަވެސް ބަންދުކޮށްފައިވާ ސިޑިބަރިތައް ހުޅުވާލަން މަސައްކަތް ކުރެއްވުން މުހިއްމު ކަމަށެވެ.
ދަނޑުގެ ދެކުނު ފަރާތް (ގަޮލޮޅު ސަހަރާ ފަޅި) އަދި އިރުމަތީ ފަރާތުގެ (ބޮޑުގޭޓް ފަޅި) ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ މީގެ ކުރިން އަންގާފައެވެ. ނަމަވެސް މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދިޔަ އިރު، އެ ދެ ސިޑިބަރި ވެސް ބޭނުން ކުރިއެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ރާއްޖެ އާއި ޗައިނާ ކުޅޭ މެޗަށް ވިއްކީ އަނެއް ދެ ސިޑިބަރިން 3500 ޓިކެޓެވެ. އެ ޓިކެޓްކޮޅު ހަތަރު ވަރަކަށް ގަޑިއިރުގެ ތެރޭގައި ވިކި ހުސްވެއްޖެއެވެ. މިއާއެކު ގިނަ ބަޔަކު އަންނަނީ މިރޭގެ މެޗަށް ޓިކެޓުގެ ޑިމާންޑް އޮތުމާއި ޗައިނާ ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅޭއިރު ހޯމް އެޑްވާންޓޭޖް ނެގުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް ދަނޑު ހުޅުވާލަން ގޮވާލަމުންނެވެ.