ޙައްޖާއި ޢުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ވިސާފީއަށް ލުއި ލިބޭ ގޮތަށް ސަލްމާން ރަސްގެފާނާ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ގެންނެވި އިސްލާހަށް، ސައުދީގެ ޙައްޖާއި ޢުމްރާއާއި ބެހޭ ވަޒީރު ޑރ މުޙައްމަދު ސޯލިހު ބިންތިން ޝުކުރު އަދާކުރައްވައިފިއެވެ.
ޙައްޖާއި ޢުމްރާގެ ވިސާ ފީއަށް ޝާހީ އާއިލާއިން ގެނައި އިސްލާހީ ބަދަލުތަކުގެ ތެރޭގައި، އެއްފަހަރަށް ވުރެ ގިނަ ފަހަރު ޢުމްރާވުމަށް ސައުދީއަށް އެތެރެވާ ފަރާތްތަކުގެ އަތުން ނަގަމުން އަންނަ "ތަކުރާރު ފީ" އުނިކުރަން ނިންމާފައިވާކަން ފާހަގަކުރެއެވެ.
ވަޒީރު ވިދާޅުވީ މި ނިންމެވުމަކީ ޙައްޖާއި ޢުމްރާގެ އަޅުކަން އެދިގެން ސައުދީއަށް ޒިޔާރަތް ކުރަމުން ދާ މުސްލިމުންގެ އަދަދު އިތުރުވަމުން ދާ ދިއުމަށް ސައުދީއިން މަރުހަބާ ކިޔާކަން ދައްކުވާދޭ ކަމެއް ކަމަށާ، މި ފުރުސަތު ފަހިވެގެން ދަނީ މައްކާއާއި މަދީނާއާއި އެނޫންވެސް މުގައްދަސް ސަރަހައްދުތަކުގައި ކުރިއަށް ދާނީ އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތަކުގެ ސަބަބުން ކަމަށެވެ.
2030 ވަނަ އަހަރު އަންނައިރު ޢުމްރާގެ އަޅުކަން އަދާކުރެވޭ މުސްލިމުންގެ އަދަދު 30 މިލިއަނަށް އިތުރު ކުރުމަކީ، ސައުދީގެ ނުފޫޒުގަދަ ވަލީއަހުދުގެ "2030ގެ ތަސައްވުރު"ގައި ހިމެނޭ މުހިންމު އަމާޒެކެވެ.