އިނގިރޭސިވިލާތުން ވިލާތުގެ އިއްތިހާދު (އީޔޫ)ގެ މެމްބަރުކަން ދޫކޮށްލުމަށް އޮތް ސުންގަޑި އިތުރު ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ދެން އިތުރަކަށް ނުދަންނަވާނެ ކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ.

ދޫދެއްވުމެއް ނެތް ރޫހެއްގައި ޖޯންސަން ވާހަކަފުޅު ދައްކަވާފައިވާ މިދަނޑިވަޅަކީ، އެއްބަސްވުމަކާ ނުލާ ވިލާތުގެ އިއްތިހާދުގެ މެމްބަރުކަން ދޫކޮށްލަން ޖެހޭނަމަ، 2020 ވަނަ އަހަރަށް އެކަން ފަސްކުރުމަށް ބޮޑުވަޒީރުގެ މައްޗަށް ލާޒިމުކުރާ ގާނޫނެއް، އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވާ ދަނޑިވަޅެކެވެ.

މީގެ އިތުރުން، މިމައްސަލަ ހައްލުކުރުމަށް އަވަސް އިންތިހާބެއް ބޭއްވުމަށް ޖޯންސަން ހުށަހަޅުއްވާފައިވާ ހުށަހެޅުން ބަލައިގަތުމަށްވެސް މެމްބަރުން ވަނީ އިންކާރުކުރައްވާފައެވެ. މިއީ މެމްބަރުން މިކަމަށް އިންކާރު ކުރެއްވި 2 ވަނަ ފަހަރެވެ.

އިނގިރޭސިވިލާތުން ވިލާތުގެ އިއްތިހާދުގެ މެމްބަރުކަން ދޫކޮށްލުން (ބްރެގްޒިޓް) ވެފައިވަނީ އެގައުމުގެ ސިޔާސީ މަސްރަހުގައި މި ފަހުގެ ތާރީހުގައި އުފެދުނު އެންމެ ވަރުގަދަ ކޯޅުންގަނޑަށެވެ. ބްރެގްޒިޓްގެ ސުންގަޑި ޖެހެމުން ދަނިކޮށް ބޮޑުވަޒީރު ޖޯންސަން މިހާރުވަނީ އަންނަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލިސް ސަސްޕެންޑްވެސް ކުރައްވާފައެވެ. މިއާއެކު، ޖޯންސަންއާ ދެކޮޅަށް އިތުރު ގާނޫނުތަކެއް ހެދުމުގެ ފުރުސަތު މެމްބަރުންނަށް ގެއްލިގެންދާނެއެވެ.

ޖޯންސަން ހުންނަވަނީ އެއްބަސްވުމަކާ އެކުގައިވިއަސް، އަދި އެއްބަސްވުމަކާ ނުލާވިއަސް ވިލާތުގެ އިއްތިހާދުން ދީފައިވާ ސުންގަޑިއަށް އެ އިއްތިހާދުގެ މެމްބަރުކަން ދޫކޮށްލުމުގެ ވިސްނުންފުޅެއްގައެވެ. ނަމަވެސް އެއްބަސްވުމަކާ ނުލާ ވިލާތުގެ އިއްތިހާދުގެ މެމްބަރުކަން ދޫކޮށްލުމުގައި ގެއްލުންތަކެއް ހުރި ކަމަށް ބުނެ، އިނގިރޭސިވިލާތުގެ ސިޔާސީ ޝަހްސުން ދަނީ އަޑުއުފުލަމުންނެވެ. އޭގެ ތެރޭގައި ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވާ ފަރާތްތައްވެސް ހިމެނެއެވެ. ދެފަހަރެއްގެ މަތިން އިތުރު ކުރުމަށް ފަހު، އިނގިރޭސިވިލާތުން ވިލާތުގެ އިއްތިހާދުގެ މެމްބަރުކަން ދޫކޮށްލަން ޖެހޭ ސުންގަޑިއެއް ކަމުގައި މިހާރު ހަމަޖައްސާފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހެވެ.