ހަލަވެލި ރިސޯޓްގައި މޫދަށް އެރިއުޅުނު ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ބުނީ މަރުވެފައިވަނީ ކޮރެއާއަށް ނިސްބަތްވާ 34 އަހަރުގެ ފިރިހެން ފަތުރުވެރިއެއްކަމަށެވެ. އަދި އޭނާ އއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަކަމަށް ފުލުހުންނަށް ރިޕޯޓް ލިބިފަައިވަނީ މިއަދު މެންދުރު ފަހު 3:00 ޖަހާކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ފަތުރުވެރިޔާ މަރުވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށެވެ.

މި އަހަރު ތެރޭގައި ގެނބިގެންނާއި، ޑައިވިން ކުރުމުގެ ތެރޭގައި ފަތުރުވެރިން މަރުވި އަދަދު ވަނީ އެހެން އަަހަރުތަކާއަޅާ ބަލާއިރު އިތުރުވެފައެވެ. އަދި މި މައްސަލަ ހައްލުކުރުމަށް ޓުއަރިޒަމް މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ފުލުހުން ދަނީ ފަތުރުވެރިޔާ މަރުވި މައްސަލަ ތަހުގީގުކުރަމުންނެވެ.