ގަދަކަމުން ގެންގޮސް މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލަ ކުރިއަށް ގެންދިއުމަށް ބައެއް ގާނޫނުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޟްވާންގެ މައްސަަލައާ ގުލޭގޮތުން ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުފައްކަވަމުން ރައީސް ވިދާޅުވީ ރިޟްވާންގެ މައްސަލަ ކުރިއަށް ގެންދާއިރު، ބައެއް ގާނޫނުތަކަށް ބަދަލު ގެންނަން ޖެހޭކަން ފާހަގަކުރެއްވުނު ކަމަށެވެެ. އެގޮތުން ޓެރަރިޒަމްގެ ގާނޫނަށް ބަދަލުތަކެއް ގެންނަވަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ޓެރަރިޒަމްގެ ގާނޫނު އޮތްގޮތުން، އޭގެ އަސްލު ޓެރަރިސްޓުންނާއި، ނޫނީވިއްޔާ ޓެރަރިޒަމްގެ އަމަލުތައް ހިންގާ މީހުންނާ ދިމާއަށް ދިޔުމަށްވުރެ ބޮޑަށް އަމާޒުވެފައި އޮތީ މުޅިން އެހެން ދިމާއަކަށް ކަމަށެވެ.

"އެހެންވީމާ، ޓެރަރިޒަމް ރަނގަޅަށް ޑިފައިންކޮށް، އެ އަމަލުތައް ހިންގާ ފަރާތްތައް ފަސޭހައިން ހައްޔަރުކުރެވި، ތަހުގީގު ކުރެވޭނެ ގޮތަކަށް ޓެރަރިޒަމްގެ ގާނޫނު ބަދަލުކުރަން އެބަޖެހޭ. ހަމައެއާއެކުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެންނަންޖެހޭ ބަދަލުތަކެއް އެބަހުރި. ހައްޔަރު ކުރެވޭ މީހުން ބައިތިއްބޭނެ މުއްދަތު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އެބައޮތް. ފުރަތަމަ ހައްޔަރުކުރުމަށްފަހުގައި 48 ގަޑިއިރުގެ ތެރޭގައި ކޯޓަށް ހާޒިރު ކުރަންޖެހޭނެ ކަމާއި، އެންމެ ގިނަވެގެން ހައްޔަރުކޮށްފައި ބެހެއްޓޭނީ ވަކި މުއްދަތެއްގައިކަން އެބަ އެނގޭ،"
ރައީސް

ރައީސް ވިދާޅުވީ އިއްޔެ ސާފުވެގެން ދިޔައީ، މިފަދަ ބޮޑު ކަމެއް ޓެރަރިޒަމާ ގުޅޭ އަދި ދައުލަތުގެ މަސްލަހަތާ ގުޅޭ މިފަދަ ކަމެއްގައި ހައްޔަރު ކުރެވޭ މީހަކު، ތަހުގީގުކޮށް ނިމި، އަދި ޝަރީއަތް ނިމެންދެން އެއަށްވުރެ ގިނަ ދުވަހު ބަހައްޓަން ޖެހިދާނެ ހާލަތެއް އަތުވެދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ޖާގަ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ތެރެއިން ޕޮލިހަށާއި، އަދި ޕްރޮސިކިއުޓާ ޖެނެރަލަށާއި، އަދި ކޯޓުތަކަށް ވެސް ލިބިދޭންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ބަދަލު ގެނައުމުގެ މަސައްކަތް އިއްޔެ ފަށްޓަވައިފި ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ، މިއަދު މި ދެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް އެމަނިކުފާނާ ހިސާބަށް ގެނެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި އެއާއެކީގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާ، ވީހާވެސް އަވަހަކަށް އެ ދެ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"މިހާތަނަށް މި ކޮމިޝަނުން ކުރެއްވި މަސައްކަތުގައި، ކޮމިޝަނުން އަޅުގަނޑަށް ޔަގީންކަން ދެއްވާފައި އޮތީ، ސަރުކާރުގެ ހުރިހާ މުއައްސަސާއަކުން ލިބެންޖެހޭ އެއްބާރުލުން މިހާތަނަށް ލިބެމުން އައި ކަމަށް. އަދި މިހާރުވެސް ލިބެމުން އަންނަ ކަމަށް. އެހެންވީމާ، މަސައްކަތްތައް ހަލުވިކޮށް ކުރިއަށް ގެންދިޔުމުގައި، ދަތިތަކެއް އޮތް ކަމަކަށް އަޅުގަނޑަކަށް ފާހަގައެއްނުކުރެވުނު،"
ރައީސް

ރައީސް ވިދާޅުވީ ވީހާވެސް އަވަހަކަށް ރިޕޯޓް ފުރިހަމަކޮށް، އެމަނިކުފާނާ ހިސާބަށް ގެނައުމަށް އިއްޔެ ނިންމެވުނު ކަމަށެވެ. އަދި މިހާރުން މިހާރަށް ތަހުގީގަށް ހާޒިރު ކުރަންޖެހޭ މީހެއް ހުރިކަމަށްވަންޏާ ހާޒިރުކޮށް، އަދި ބަންދުކޮށްގެން ހާޒިރުކުރަންޖެހޭ މީހެއް ހުރެއްޖިއްޔާ އެކަންވެސް ކުރިއަށް ގެންދެވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަމުގައި ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ އެއްބާރުލުން ކޮމިޝަނަށް ލިބުމާ އެކަން ކަށަވަރު ކުރުން އެއީ އެމަނިކުފާނުގެ ކަމެއްގެ ގޮތުގައި ވިދާޅުވިއެވެ.