ސަރުކާރެއްގެ ފުރަތަމަ 100 ދުވަހުގެ މަސައްކަތްތައް ވިލަރެސްކުރުމުގެ ސަގާފަތް ފެށިގެން އައީ އެމެރިކާގެ ކުރީގެ ރައީސް ފްރޭންކްލިން ޑީ ރޫޒަވެލްޓްގެ ވެރިކަމުގެ ދުވަސްވަރުގައި ކަމަށް ގަބޫލުކުރެވެއެވެ. އެއީ 1930ގެ އަހަރުތަކުގެ ކުރީކޮޅެވެ. ދުވަސްވަރަކީ، އިގުތިސޯދީ ބޮޑު ހީނަރުކަމަކުން ދުނިޔެ އަރައި ގަންނަމުންދިޔަ ދުވަސްވަރުވެސްމެއެވެ. އެއަށްފަހު އަދާޖެހެންދެކަށްވެސް، ސަރުކާރުތަކުން އެންމެ ހާއްސަ ސަމާލުކަމެއްދޭ އެއް ކަމަކަށްވެފައި އޮންނަނީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވީހާވެސް ގިނަ ބައެއްގެ ސަމާލުކަން ދަމައިގަނެ، އިތުރުބާރު ކަށަވަރުކުރުމަށޭ ދެންނެވުމަކުން ގޯހެއް ނެތެވެ.
ކަންމިހެން އޮތްއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ބޮޑުވަޒީރު ކަމުގެ 2 ވަނަ ދައުރުގެ ފުރަތަމަ 100 ދުވަސް އާދީއްތަ ދުވަހުގެ ނިޔަލަށް ހަމަވިއިރު، އިންޑިއާ ސަރުކާރުންވެސް މިކަން ފާހަގަކުރަމުންދިޔައީ އެހެން ބަޔަކަށް ދޫ ދިނުމެއް ނެތް ބީދައަކުންނެވެ. އެހެން ކަމުން މި ބަލާލަނީ، މޯދީގެ ބޮޑުވަޒީރު ކަމުގެ ފުރަތަމަ ދައުރުގެ ފުރަތަމަ 100 ދުވަހާ، ދެވަނަ ދައުރުގެ ފުރަތަމަ 100 ދުވަސް ނުވަތަ މޯދީގެ 2 ވަނަ ފުރަތަމަ 100 ދުވަހުގެ ފަރަގާ އެއްގޮތް ކަންކަމަށެވެ.
އެއްގޮތް ކަންކަން
ގާނޫނީ ބަދަލު
2014 ވަނަ އަހަރު އިންޑިއާގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ބީޖޭޕީގެ ސަރުކާރުން އެންމެ ފުރަތަމަވެސް ގެނައި ބަދަލަކީ ސަރުކާރުގެ ބައެއް ބާރުތައް ހިނގަމުންދިޔަ ގޮތަށް ގެނައި ބަދަލެވެ. ބައެއް އިދާރާތަކާ ވުޒާރާތައް އުވާލާ، އިންޑިއާގެ ވެރިކަން ހިންގުމުގެ ސުޕްރީމް ބާރާއި ކޮންޓްރޯލް، ބޮޑުވަޒީރުގެ އޮފީހަށް ލިބޭ ގޮތަށް ގެނެވުނު އިސްލާހަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުވާލި ކަމެކެވެ.
މިހިނގާ 2019 ވަނަ އަހަރު 2 ވަނަ ދައުރަކަށް ބޮޑުވަޒީރު ކަމަށް ކުރިމަތިލައްވާ، ގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ހޭދަވި ފުރަތަމަ 100 ދުވަހުގެ ތެރޭގައިވެސް ފެނިގެންދިޔައީ މިފަދަ ކަމެކެވެ. އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ، ޖައްމުއާއި ކަޝްމީރަށް އޮތް މިނިވަންކަމާ އިސްތިގުލާލު ނިގުޅައިގަނެ، އިންޑިއާގެ މައި ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް އެ ސަރަހައްދު ގެންދިޔަ ކަމެވެ.
ފަނޑު ބަޖެޓް
2014 ވަނަ އަހަރު ފެނިގެންދިޔަ މޯދީ 1.0 އާއި މިއަހަރު ފެންނަމުންދާ މޯދީ 2.0ގެ ވެރިކަމުގައި އިންޑިއާގެ ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަކީ އޭގައި އެއްވެސް ހައިބަތެއް ނެތް ބަޖެޓެއް ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ. ދުނިޔޭގެ އެންމެ ނުފޫޒުގަދަ އިގުތިސޯދުތަކާ އެއް ރޭހެއްގައި ފައި ހަމަ ކުރުމަށް އަތުކުރި އޮޅާލައިގެން އޮތް އިންޑިއާއިން ހުށަހަޅާފައިވާ ބަޖެޓުން މިއަދު ނުކިޔާ ކަމަށްވެއެވެ. މި ބަޖެޓަކީ އިގުތިސޯދީ ކުރިއެރުން ނަގަހައްޓާނެ ބަޖެޓެއް ނޫންކަމަށް ބުނާ މީހުން މަދެއް ނޫނެވެ. މެދު ފަންތީގެ އާމްދަނީ ލިބޭ އާއިލާތަކަށް އަދިވެސް ހަމަޖެހުމެއް ނެތެވެ. ފަގީރުންގެ އަދަދު އިންތިހާއެވެ.
ޕާކިސްތާނަށް ހައްޕު
2014 ވަނަ އަހަރަކީ ޕާކިސްތާނާ އިންޑިއާގެ ގުޅުން އިންތިހާއަށް ހީނަރުވެގެންދިޔަ އަހަރެކެވެ. ކަޝްމީރުގައި ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތުގެ ލީޑަރުންނާ ޕާކިސްތާނުން ބައްދަލުކުރި ކަމުގެ ތުހުމަތުގައި އިންޑިއާއިން އެފަހަރު ޕާކިސްތާނާ ގުޅުން ކަނޑާލީ ފޮރިން ސެކްރެޓަރީއިންގެ ފެންވަރުގައެވެ.
2019 ވަނަ އަހަރު، މޯދީގެ ބޮޑުވަޒީރު ކަމުގެ 2 ވަނަ ދައުރުގެ ފުރަތަމަ 100 ދުވަހަށް ފެށިއިރުވެސް އިންޑިއާއާއި ޕާކިސްތާނު ދިޔައީ ކަޝްމީރުގެ މައްސަލާގައި ކޯޅެމުންނެވެ. މާއްދާ 370 އުވާލުމާއެކު ގަދަ ހިފުމަކަށް ދިޔަ ފަދައެވެ. އެއްބަޔަކު އަނެއް ބަޔަކަށް ޓެރަރިޒަމްގެ ތުހުމަތު އަމާޒުކޮށް، ދުނިޔޭގެ އެހެން ގައުމުތަށް އެ ގައުމާ ވީ ކޮޅަށް ބުރަވުމަށް ޕާކިސްތާނާ އިންޑިއާއާއިން މަސައްކަތްކުރަމުންދާއިރު، ދޭދޭ ގުޅުން އޮތީ އިންތިހާ ހީނަރުކަމުގެ ތެރޭގައެވެ.
ފަރަގު
ހާރިޖީ މެހެމާނު
މޯދީ 1.0ގެ ފުރަތަމަ 100 ދުވަހާ އަޅާ ބަލާއިރު މޯދީ 2.0ގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ބޮޑުވަޒީރެއްގެ ހައިސިއްޔަތުން މޯދީ ކުރެއްވި ހާރިޖީ ދަތުރުތަކުގެ އަދަދު ނިސްބަތުން ގިނައެވެ. މީގެ 5 އަހަރު ކުރިއާއި އަޅާ ބަލާއިރު، މިފަހަރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މޯދީ ކުރެއްވި ދަތުރުފުޅުތަކުގެ އަދަދު ދެގުނަ އިތުރެވެ. އިންޑިއާގެ ސަރަހައްދީ ބާރުވެރިކަން ކަށަވަރުކުރެއްވުމީ އަމާޒެއް ކަމުގައި ހައްދަވައިގެން މިއަހަރު މޯދީ ވަނީ 9 ގައުމަކަށް ވަޑައިގެންފައެވެ. 2014 ވަނަ އަހަރު މޯދީ ވަޑައިގަތީ 4 ގައުމަކަށެވެ.
އިގުތިސޯދީ ބީރައްޓެހިކަން
2014 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ކަމާ މޯދީ ހަވާލުވެވަޑައިގަތީ އިގުތިސޯދީ ރަން ދައުރެއްގެ ފެށުމާ އެކުގައި ކަމަށްވެސް ދެންނެވިދާނެއެވެ. ހިއްސާގެ މުއާމަލާތްތައްވެސް އޭރު އުދުހެމުންދިޔައީ މެދުއުޑުގައެވެ. ނަމަވެސް މިއަދު އެ އަދަދުތައް ޖަހަންޖެހެނީ ދަރަނީގެ ގޮތުގައެވެ. އިގުތިސޯދީ ކުރިއެރުމުގެ ދުވެލި 6.5 އިން 8.2 ޕަސެންޓް ކުރިއަރާ ދިޔަ މޯދީ 1.0ގެ ވެރިކަމަށްފަހު، މޯދީ 2.0ގެ ވެރިކަމުގައި ފެނިގެންދަނީ 5 ޕަސެންޓަށް ވުރެވެސް ދަށުގައި އޮތަތީއެވެ.
ކަންމިހެން އޮތްއިރު ފުރަތަމަ 100 ދުވަހަކީ ވެރިކަމުގެ ބިންގާ ކަމުގައި ގިނަ ބަޔަކު އިއްތިފާގުވެއެވެ. އެ ސަރުކާރެއްގެ ވެރިކަމުގެ ދައުރުގައި ބާކީ އޮތް ދުވަސްތަކަށް އާންމުންގެ އިތުބާރު ބަރޯސާވާން އޮތް ޓިކެޓަކީވެސް ފުރަތަމަ 100 ދުވަހެވެ. އިންޑިއާގެ ތެރޭގައި މޯދީއަށް ކުރިން އޮތް ތާއީދަށް ހީނަރު ބަދަލުތަކެއް އައި ކަމުގައި ވީ ނަމަވެސް، ބައިނަލްއަގުވާމީ މައިދާންތަކުގައި މޯދީގެ މަގުބޫލުކަންވަނީ އިހުނަށްވުރެ ވަރުގަދަވެފައެވެ. ދެން އޮތީ، ދައުރުގެ ބާކީ ދުވަސްތަކުގައި ކަންވެގެންދާ ގޮތެއް ބަލާލުމެވެ.