އިންޑިއާ އާއި ޕާކިސްތާނުގެ ޒަމާންވީ ހަތުރުވެރިކަމުގެ ގުޅުމުގެ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ނަމަވެސް ކަޝްމީރުގެ މައްސަލައިގައި މި ދެގައުމުގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތައް މިހާ ހޫނުވި ދަނޑިވަޅެއް ތާރީހުން ފެންނަން ނެތްކަމުގައިވެސް ދެންނެވިދާނެއެވެ. އެއްބަޔަކު އަނެއްބަޔަކަށް އެކި ޒާތުގެ ތުހުމަތު އަމާޒުކޮށް، އަނެއްބައެއްގެ ބޮލުގައި އިލްޒާމުތައް އަޅުވަމުންދާއިރު، ޕާކިސްތާނުން ދަނީ ސަރަހައްދީ ސުޕާޕަވާގެ ގޮތުގައި އޮތް އިންޑިއާ އިނދަޖައްސާ، އިންޑިއާގެ ތަސްވީރު ކިލަނބުކުރުމަށް އެއްގޮތުން ނުވިއްޔާ އަނެއް ގޮތުން މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރު ފެންމަތިވެގެން އުޅޭ ވާހަކައަކީ ޕާކިސްތާނުގެ ފަސްގަނޑުގައި ހިންގާ ޓެރަރިސްޓް ހަރަކާތްތަކަށް އިންޑިއާގެ އެއްބާރުލުން ލިބޭ ކަމަށް ބުނެ ޕާކިސްތާނުން ތައްޔާރުކޮށްފައިވާ ވަރުގަދަ ފައިލެއް އިންޑިއާއަށް ދީގެން އުޅޭ ވާހަކައެވެ.

ޕާކިސްތާނުން އިންޑިއާއަށް މި ފައިލް ދިނީ، ދެގައުމު ބައިވެރިވި ކަރުތާރުޕޫރު ކޮރިޑޯގެ މަޝްވަރާތައް ކުރިއަށްދިޔަ ދުވަހުއެވެ. އެއީ މިމަހުގެ 4 ވަނަ ދުވަހެވެ.

ސްރީނަގަރު ސަރަހައްދުގައި 2018 ވަނަ އަހަރު ކުރިއަށްދިޔަ މުޒާޙަރާއެއްގެ ބައިވެރިންނަށް އަމާޒުކޮށް އިންޑިއާ ފުލުހަކު ކަރުނަ ގޭސް ޖަހަނީ/ފޮޓޯ: ދާނިޝް އިސްމާއީލް

އިންޑިއާގެ އޮފިޝަލުން ވަނީ މި ފައިލްގައި ހުރި ވާހަކަތައް ދޮގުކުރައްވާފައެވެ. އަދި އޭގައި ވަނީ ދޮގު ވާހަކަތަކެއް ކަމަށާއި، އެއީ އިންޑިއާ އާއި ދެކޮޅަށް ޕްރޮޕަގަންޑާ ފެތުރުމަށް ޕާކިސްތާނުން އުފައްދައިގެން އުޅޭ ފައިލެއް ކަމަށްވެސް އިންޑިއާއިން ދަނީ ބުނަމުންނެވެ.

ޕާކިސްތާނުން މިފަދަ ފައިލެއް ތައްޔާރުކޮށް، އިންޑިއާއަށް ހުށަހެޅީ ކީއްވެކަން ކަށަވަރުނުވާއިރު، އިންޑިއާއިން ދަނީ ޕާކިސްތާނަށް ޝައްކުކުރަމުންނެވެ. އެގޮތުން، މިއީ އިންޑިއާގެ ފަސްގަނޑަށް ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ދައްކާނެ ހުއްޖަތެއްގެ ގޮތުގައި ޕާކިސްތާނުން އުފެއްދި ފައިލެއް ކަމަށް އިންޑިއާއިން ދަނީ ތުހުމަތު ކުރަމުންނެވެ.

ދެވަނަ ސަބަބެއް ކަމަށް އިންޑިއާއިން ބުނަނީ އެއީ މިމަހަކީ ބައިނަލްއަގުވާމީ ފެންވަރުގެ މުހިންމު ބައްދަލުވުންތަކެއް އދގެ މައި އިދާރާގައި ކުރިއަށްދާ މަހަކަށްވުމުން، އެ މައިދާނުގައި އިންޑިއާގެ އަގު ވައްޓާލުމެވެ. އދގެ މެމްބަރު ގައުމުތަކުގެ އާންމު ޖަލްސާ، މިމަހުގެ 17 އިން 30ގެ ނިޔަލަށް ކުރިއަށްދާއިރު، ކަޝްމީރުގެ ވާހަކަ ނައިސް މި ބައްދަލުވުން ނުނިމޭނެ ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ. އިންސާނީ ހައްގުތަކާ ބެހޭ އދގެ ކައުންސިލް ބައްދަލުވުންވެސް ކުރިއަށް އޮތްއިރު، ކަޝްމީރު ވާދީގައި އިންޑިއާއިން ޖަރީމާ ހިންގާ ކަމަށް ބުނެ ގައުމުތަކުން ޕާކިސްތާނު ކޮޅަށް ބުރަވާ ގޮތް ހެދުމަށް ޕާކިސްތާނުން ކޮށްފާނެ މަސައްކަތަކަށް އިންޑިއާގެ ހާރިޖިއްޔާއިން މިހާރުވެސް ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން، އިންޑިއާއަށް ގައުމުތަކުގެ ތާއީދު ހޯއްދެވުމަށް، އިންޑިއާގެ ހާރިޖީ ވަޒީރު އެސް.ޖައިޝަންކަރު ގެންދަވަނީ ގިނަ ގައުމުތަކަކާ މަޝްވަރާކުރައްވަމުންނެވެ.

ކަޝްމީރުގެ މައި ސިޓީ ސްރީނަގަރުގައި މަސައްކަތްކުރާ އިންޑިއާގެ އެހެން ހިސާބުތަކުގެ ރަށްވެހިން ކަޝްމީރު ދޫކޮށް ދިއުމަށް ކިއު ހަދާފަ/ފޮޓޯ: އަލްޖަޒީރާ

ކަންމިހެން އޮތްއިރު، މި ފައިލަކީ އިންޑިއާއިން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭކަން ދެއްކުމަށް ޕާކިސްތާނުން ތައްޔާރުކުރި ފައިލެއް ކަމަށްވެސް އިންޑިއާއިން ތުހުމަތުކުރެއެވެ. އެގޮތުން، ޖައްމުއާއި ކަޝްމީރުގައި އިންޑިއާއިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް އޮއްބާލާ، އެހެން ކަމަކަށް ސަމާލުކަން ބަދަލުކޮށްލުވުމަށް އިންޑިއާއިން ވަރުގަދަ އޮޕަރޭޝަނެއް ހިންގަފާނެ ކަމަށް ވިދާޅުވެ، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން، މިދިޔަ އޯގަސްޓް މަހުގެ 24 ވަނަ ދުވަހު ކުރެއްވި ޓްވީޓަކީ މިކަމުގެ ހެއްކެއް ކަމަށް އިންޑިއާއިން ތުހުމަތުކުރެއެވެ.

ޔަގީނާ ގާތަށް ކަށަވަރުވާ އެއްކަމަކީ ދުނިޔޭގެ ހުރިހާ ގައުމެއްގެ އިސްވެރިންހެން ބައިވެރިވެވަޑައިގަންނަވާ އދގެ މެމްބަރު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ޕާކިސްތާނުން ކަޝްމީރުގެ މައްސަލަ ފެންމަތިކުރާނެކަމެވެ. ޖައްމު އާއި ކަޝްމީރުގެ މިނިވަންކަމަށް އުނިކަން ލިބޭ ގޮތުން އިންޑިއާގެ ގާނޫނު އަސާސީން މާއްދާ 370 އުވާލި ފަހުން އަދާ ޖެހެންދެކަށް ޕާކިސްތާނަށް ފުރުސަތު ލިބުނު ބައިނަލްއަގުވާމީ ފެންވަރުގެ ކޮންމެ ޕޯޑިއަމްއަކާ މައިދާނެއްގައި އެ ގައުމުން ދަނީ އިންޑިއާއަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. ރައްދުގައި އިންޑިއާއިން ވެސް މަޑަކުން ނޯވެއެވެ.