މ. އުޖާލާގެއަށް ވަދެ މީހަކު ހައްޔަރުކުރަން އުޅެ، ފުލުހުން އަނިޔާވެރި ގޮތަކަށް އެމީހާ ގައިގައި ތަޅާ އަނިޔާ ކުރި މައްސަލައިގައި، އެ އޮޕަރޭޝަނުގައި ހިމެނޭ ފުލުހުން ސަސްޕެންޝަން މިހާރު ނިމިފައިވާ ކަމަށާއި ނަމަވެސް އެމީހުން ވަޒީފާއަށް އަދި ނެރެފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

އުޖާލާގެއިން މީހަކު ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ހިފައިގެން ވަނީ ހަތް ފުލުހެކެވެ. އަދި އެ ފުލުހުން ވަނީ އެމީހާ ގައިގައި އަތުންނާއި ފައިންނާއި ގާ ބުރިން ވެސް ތަޅާފައެވެ. ސޯޝަލް މީޑިއާގައި އާއްމުވި އެ ވީޑިއޯއިން ފެންނަނީ ދެ ފުލުހަކު ވެގެން އެމީހާ ގައިގައި ހިފަހައްޓާފައި ހުރި ތަނެވެ. އަދި އެތަނުން އެހެން ފުލުހަކު އޭނާގެ މޫނުމަތީގައާއި ބޮލުގައި އަތުން ތަޅައެވެ. އަދި އޭނާގެ ފަހަތުގައި ހުރި ފުލުހަކު އަރައިގެން ހުރި ބޫޓުން އޭނާގެ ބުރަކަށީގައި ޖެހި އިރު، އެހެން ފުލުހަކު ވަނީ ގާބުރިއަކުން އޭނާގެ އަތުގައި ތަޅާފައެވެ.

މި މައްސަލާގައި އެ ހުރިހާ ފުލުހުން ސަސްޕެންޑު ކުރިއެވެ. ފުލުހުން މިރޭ ބުނީ ފުލުހުންގެ ގަވާއިދުތައް ބުނާ ގޮތުން ނަމަ އެ މައްސަލާގައި ގޮތް ނިންމުމުގެ އެންމެ ފަހު ދުވަހަކީ އަންނަ ބުދަ ދުވަސް ކަމަށެވެ. އަދި ބުނީ މިއަދުގެ ވަގުތެއްގައި އެ ހަތް ފުލުހުންގެ މައްސަލަ ވަނީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ ލަފަޔަށް ޑިއުޓީ ޕްރޮސިކިއުޝަނަށް ފޮނުވާފައި ކަމަށެވެ. ނަމަވެސް އެއީ އަދި ޕީޖީއަށް ފޮނުވުމުގެ ފުރަތަމަ މަރުހަލާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ސޯޝަލް މީޑިއާގައި އަނިޔާކުރި ވީޑިއޯ އާއްމުވުމާއި ގުޅިގެން ވަގުތުން ވަނީ އެ ފުލުހުންތައް ސަސްޕެންޑުކޮށް ޖިނާއީ ތަހުގީގު ހިންގަން ފަށާފައެވެ. އަދި އަނިޔާ ކުރުމަކީ ބަލައިގަނެވޭނެ އަމަލެއް ނޫންކަމަށާއި އެކަމުގައި ބައިވެރިވި ހުރިހާ ފުލުހުންނާއި ދެކޮޅަށް ފިޔަވަޅު އަޅުއްވާނެކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް ވަނީ މިކަމާއި ގުޅިގެން ވިދާޅުވެފައެވެ.