މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުވާލި މައްސަލަ ތަހުގީގުކޮށް ރިޔާސީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީ (241 ކޮމިޓީ) އަށް ރިޔާސީ ކޮމިޝަންގެ މެމްބަރުން ހާޒިރުކުރަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ ރިޟްވާންގެ ގެއްލުވާލި މައްސަލައިގައި މަރު ކޮމިޝަނުން ތަހުގީގުކޮށް މި މަހުގެ 1 ވަނަ ދުވަހު ނެރެފައިވާ ރިޕޯޓުގައި އާންމުކޮށްފައިވާ މައުލޫމާތުތަކާއި ގުޅޭގޮތުން، އެ ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މި ބައްދަލުކުރުން ފުރަތަމަ އޮތީ މިއަދު ހެނދުނު 10:00 ޖަހާއިރުއެވެ. ނަމަވެސް މަޖިލީހުން ވަނީ މި ބައްދަލުވުން މިއަދު މެންދުރު 2:00 އަަށް ފަސްކުރިކަން ހާމަކޮށްފައެވެ.

ރިޟްވާން ގެއްލުވާލި މައްސަލައިގައި ނެރުނު ރިޕޯޓާ ގުޅޭ ގޮތުން 241 ކޮމިޓީން ވަނީ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުންގެ ވެރިންނާ ވެސް ބައްދަލުކޮށްފައެވެ. ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ބޭއްވި އެ ބައްދަލުވުމަށް ފަހު ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ރިލްވާންގެ މައްސަލައިގެ ރިޕޯޓްގައި ތުހުމަތު ކޮށްފައިވާ ދެ ފުލުހަކު ހައްޔަރުކޮށްފައި ނުވަނީ އެ ދެ ފުލުހުން ހައްޔަރު ކުރާނެ ގާނޫނީ ސަބަބެއް ނެތް ކަމަށް ކޮމިޝަނުން ބުނެފައިވާތީ ކަމަށެެވެ.

ނަމަވެސް ރިޟްވާންގެ މައްސަލައިގައި ހިމެނޭ ދެ ފުލުހުން ހައްޔަރުކުރަން އެޓާނީ ޖެނެރަލް އޮތީ ފުލުހުންނަށް އަންގާފައެވެ. އަދި އެ ދެ ފުލުހުން ހައްޔަރު ނުކުރި މައްސަލައިގައި އާންމުންގެ ފާޑުކިއުން އާންމުވެފައިވަނިކޮށް، ރޭ ކޮމިޝަނާ އޮފް ޕޮލިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުން ހައްޔަރުކުރުމުގެ އަމުރަކަށް އެދެވޭނީ ކޮމިޝަނަށް ކަމަށެވެ.

އަދި އެކަން ކުރުމުގެ ބާރެއް ފުލުހުންނަށް ލިބިގެން ނުވާކަމަށާއި، ރިޔާސީ ކޮމިޝަންގެ ގާނޫނުގެ ދަށުން، ރިޟްވާންގެ މައްސަލަ ބެލުމުގެ ބާރު މިހާރު އޮތް ހަމައެކަނި އިދާރާއަކީ ރިޔާސީ ކޮމިޝަން ކަމަށެވެ. ނަމަވެސް ހައްޔަރު އަމުރެއް ހޯދައިފިނަމަ ފުލުހުން ފުރިހަމަ އެހީތެރިކަން ދޭނެކަމަށް ހަމީދު ވިދާޅުވިއެވެ.