ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ ހިޔާ މަޝްރޫއުގެ ފުލެޓްގެ އަގަކީ އަކަފޫޓަކަށް 1900 ރުފިޔާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒާން ލިޒޮހޮންގް ދޮގުކުރައްވާ، ތަފްސީލީ ރައްދެއް ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ޗައިނާއިން ފްލެޓުތައް އަޅަނީ ފިނިޝިންއާ ނުލައި އަކަފޫޓެއް 1900 ރުފިޔާއަށް ކަމަށެވެ. އަދި މާލޭގައި އެންމެ ރީތިކޮށް ހަދާފައިވާ ފްލެޓުތައް، އެއީ 1200 ރުފިޔާއަށް އަކަފޫޓެއް ކަމަށާއި، ހިޔާ ފުލެޓް ހަދާފައިވަނީ ދެގުނަ އަގުގައި ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ ވާހަކަތައް ދޮގުކުރައްވާ ޗައިނާ ސަފީރު ވަނީ ހިޔާ ފުލެޓްތަކަށް ޖެހޭ އަގުތަކާއި އެތަނުގެ ބޮޑު މިން ޓްވީޓެއް މެދުވެރިކުރައްވާ ތަފްސީލު ކޮށްދެއްވާފައެވެ. ސަފީރު ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 7000 ފުލެޓްގެ އަކަފޫޓަކަށް ޖެހެނީ 1450 ދިވެހި ރުފިޔާ ކަމަށެވެ. ސަފީރު ވަނީ އޭނާގެ ޓްވީޓުގައި މައިގަނޑު ހަތް ކަމެއް ފާހަގަ ކުރައްވާފައެވެ.
ސަފީރު ވިދާޅުވީ، ޔުނިޓެއް އިމާރާތް ކުރަން ހޭދަވަނީ 62000 އެމެރިކާ ޑޮލަރު ކަމަށާއި، އޭގެ ތެރޭގައި ކޮމަން އޭރިއާ އާއި ޕާކިން ވެސް ހިމެނޭ ކަމަށެވެ. އަދި ކޮންމެ ޔުނިޓެއްގައި 720.16 އަކަފޫޓް ހުންނާނެ ކަމަށާއި، އެހެން ކަމުން އަކަފޫޓަކަށް ޖެހެނީ 1327 ރުފިޔާ ކަމަށް ސަފީރު ވިދާޅުވިއެވެ.
މީގެ އިތުރުން މުޅި ޕްރޮޖެކްޓްގެ އިމާރާތުގެ އޭރިއާއަކީ 5،041،124 އަކަފޫޓް ކަމަށާއި، ފިނިޝިންއާއެކު އަކަފޫޓަކަށް ޖެހޭނީ 1450 ރުފިޔާ ކަމަށް ވެސް އެމްބެސެޑަރު ވިދާޅުވިއެވެ. އަދި އެ އަގުގެ ތެރޭގައި ޖިއޯޓެކް އިންވެސްޓިގޭޝަނާއި، މުޅި ޕްރޮޖެކްޓްގެ ޑިޒައިން އަދި ކޮންސަލްޓެންސީ ޗާޖުވެސް ހިމެނޭކަމަށް ސަފީރު ވިދާޅުވިއެވެ. އަދި އެ ޕްރޮޖެކްޓް ކުރިޔަށް ގެންދަނީ ވިޔަފާރި ލޯނެއްގެ ގޮތަށް ކަމަށާއި، އެ އަގުގެ ތެރޭގައި ހުރިހާ ކަމަކަށް ބޭނުންވާ ފައިސާގެ އިތުރުން އިންޝުއަރެންސް ވެސް ހިމެނޭކަމަށް ސަފީރު ވިދާޅުވިއެވެ.
މީގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ހިޔާ ފުލެޓްގެ ކޮޓަރިތައް ކުޑަކަމަށް ވިދާޅުވެ، ޑިޒައިނަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ވިދާޅުވެފައެވެ. 7000 ފުލެޓްގެ މަސައްކަތް ހަވާލު ކުރީ 2 އަހަރު ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއު ގެ ދަށުން މިހާރު ވަނީ 25 ބުރީގެ 16 ޓަވަރު އަޅާފައެވެ.