މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން ރަހީނުކޮށް މަރާލި މައްސަލައިގައި މީހަކު ހައްޔަރު ކުރާ ނަމަ ހައްޔަރު ކުރުމުގެ އަމުރަކަށް އެދެވޭނީ މަރުތައް ބަލާ ރިޔާސީ ކޮމިޝަނަށް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

މިރޭ ކުރެއްވި ޓްވީޓެއްގައި ހަމީދު ވިދާޅުވީ، ރިޟްވާން ގެއްލުވާލި މައްސަލަ ބެލުމުގެ އިހްތިސޯސް ލިބިގެން ވަނީ މިހާރު ހަމަ އެކަނި މަރު ކޮމިޝަނަށް ކަމަށެވެ. އެއީ ކޮމިޝަންތަކަށް ބާރުދޭ ގާނޫނުން ރިޟްވާންގެ މައްސަލަ ބެލުމުގެ ބާރު ކޮމިޝަނަށް ބަދަލު ކޮށްފައި ވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކުރަން ބޭނުން ނަމަ އެކަން ކުރުމުގެ ގާނޫނީ ބާރުވެސް މިހާރު ލިބިގެން ވަނީ މަރު ކޮމިޝަނަށް ކަމަށާ، އެހެންކަމުން އެ ކޮމިޝަނުން އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކުރަން ކޯޓު އަމުރެއް ހޯދައިގެން އައިސްފި ނަމަ އެކަމުގައި ފުލުހުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ހަމީދު ވިދާޅުވިއެވެ.

ހަމީދު މިހެން ވިދާޅުވެފައިވަނީ ރިޟްވާން ގެއްލުވާލި މައްސަލައިގައި ދެ ފުލުހެއްގެ ބައިވެރިވުމެއް އޮތް ކަމަށް ރިޕޯޓުގައި ބުނާތީ، އެ ދެމީހުން ހައްޔަރުކޮށް މައްސަލަ ބެލުމަށާއި އެ މައްސަލައިގައި އިހުމާލުވާ އެހެން ތިން ފުލުހަކާއި އެމްއެންޑީއެފްގެ އޮފިޝަލެއްގެ މައްސަލަ ބަލަން ބަންޑާރަނައިބު ފުލުހުންނަށް އަންގަވާފައިވަނިކޮށެވެ.

ނަމަވެސް ފުލުުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެދެ ފުލުހުންގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ލިބިފައި ނުވާތީ އެ ފުލުހުން ހައްޔަރު ކުރަން ޖެހޭ ފަދަ ހުއްޖަތެއް ނެތް ކަމަށް މަރުގެ މައްސަލަތައް ބަލައި ކޮމިޝަނުން ފުލުހުންނަށް ލަފާ ދީފައިވާ ކަމަށެވެ. އަދި ކޮމިޝަނުން ލަފާދެނީ، އެ ފުލުހުންގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މިހާތަނަށް އެ ދެ ފުލުހުން ހައްޔަރުކޮށްފައި ނުވާ އިރު، އެ މައްސަލައިގައި ފުލުހުންގެ އިދާރާއަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

ރިޟްވާން ގެއްލުވާލި މައްސަލައިގައި ހައްޔަރު ކުރަން އެންގި ދެ ފުލުހުންނަކީ ޕޮލިސް ކޯޕްރަލް މުހައްމަދު ޖިނާހުއާއި އިބްރާހިމް ރިއްފަތެވެ. އެ ދެމީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ ރިލްވާން ސީރިއާގައި މަރުވެފައިވާ ކަމަށް ދައްކަން މަސައްކަތް ކުރި ކަމުގެ ތުހުމަތެވެ.