މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުނު މައްސަލާގައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަނަށް ސިއްރު ހެކިބަސް ދިން ހެކިވެރިއެއް ކަމަށް ބުނާ މީހެއްގެ މައުލޫމާތު ލީކްކޮށްލައިފިއެެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި ލީކުވެފައިވަނީ ރިޟްވާން ގެއްލުނު މައްސަލައާ ގުޅުން ހުރި އެހެން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހެއްގެ މައުލޫމާތެވެ.

ރިޔާސީ ކޮމިޝަނަށް ސިއްރު ހެކިބަސް ދިންކަމަަށް ބުނާ މި ޒުވާނާގެ ފޮޓޯއާއި ވަނަވަރު ވެސް ވަނީ ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ. ފޮޓޯއާއެކު ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ އެ ޒުވާނާއަކީ ރިޟްވާންގެ މައްސަލަައިގައި ހެކިބަސް ދިން މީހުންގެ ތެރޭގައި ހިމެނޭ ހެކިވެރިޔާ ދޭއް ކަމަށެވެ.

ސިއްރު ހެކިވެރިއެއްގެ މައުލޫމާތު ލީކުކޮށްލާފައިވާ އިރު، ކޮމިޝަނުން ތަހުގީގު ކުރި ރިޕޯޓު، ރައީސް މުހައްމަދު ނަޝީދަށް، އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވަނީ އަރުވާފައެވެ. އަދި އެ ރިޕޯޓުގެ ކޮޕީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަން ވަނީ ދީފައެވެ.

ސިއްރު ހެކިވެރިއެއްގެ މައުލޫމާތު އާންމުވި މައްސަލައިގައި ފުލުހުން "ދަ ޕްރެސް" އަށް މައުލޫމާތުދެމުން ބުނެފައިވަނީ ފުލުުހުންގެ ފަރާތުން އެފަދަ އެއްވެސް މައުލޫމާތެއް ލީކުވެފައި ނުވާނެކަމަށެވެ. އަދި ރިޟްވާންގެ މައްސަލައިގައި ކޮމިޝަނުން ތަހުގީގުކޮށް ނެރުނު ރިޕޯޓާ ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

މި މައްސަލައިގައި މަރުކޮމިޝަންގެ ރައީސް ސުއޫދަށް ގުޅުމުން ވިދާޅުވީ މި ވަގުތު އެކަމަށް ކޮމެންޓް ކުރައްވަން ބޭނުން ނުވާ ކަމަށެވެ.

ރިޟްވާންގެ މައްސަލާގަައި މަރުތަކާ ބެހޭ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް މަޖިލިސްގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ދިން މައްސަލައިގައި ނަޝީދު ވިދާޅުވީ ރިޕޯޓުގައި ހިމެނޭ ސިއްރު ހެކިވެރިންގެ މައުލޫމާތު އެމަނިކުފާނަށް ވެސް އެނގިވަޑައި ނުގަންނަވާ ކަމަށާއި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ރިޕޯޓުގައި ސިއްރު ހެކިވެރިންގެ މައުލޫމާތު ނެތް ކަމަށެވެ.