މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ސީރިޔާއަށް ދިޔަ ކަމަށްބުނެ ޕާސްޕޯޓެއް ހެދުމަށް މަސައްކަތް ކުރި ކުރީގެ އިންޓަލިޖެންސް ދެ ފުލުހުން ހައްޔަރު ކުރެވެން ނެތް ކަމަށް ފުލުހުން ބުނެފިއެވެ. އެކަން ކުރެވެން ނެތީ އެކަމުގައި އެވަރަށް ހެކި ނެތުމުން ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ އެ ދެ ފުލުހުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކޮށް، އެ ދެ ފުލުހުން ގޭގައި މަޑުކުރަން އަންގާފައެވެ.

މި މައްސަލާގައި ފުލުހުން ވަޒީފާގެ މަސްއޫލިއްޔަތުން އެކަހެރި ކޮށްފައި ވަނީ ޕޮލިސް ކޯޕްރަލް މުހައްމަދު ޖިނާހު (ސާވިސް ނަމްބަރު 4493) އާއި އިބްރާހިމް ރިއްފަތު (ސާވިސް ނަމްބަރު 3246) އެވެ. ފުލުހުން ބުނީ މި ދެ ފުލުހުން ހައްޔަރު ކުރުމަށް އެދި ބަންޑާރަ ނާއިބުގެ ފަރާތުން އިއްޔެ ވަގުތެއްގައި ސިޓީއެއް ލިބުނު ކަމަށެވެ. އަދި އެ ސިޓީ ފުލުހުންނަށް ލިބުނު އިރުވެސް އެ ދެ ފުލުހުންގެ މައްސަލަ ފުލުހުން ދިޔައީ ތަހުގީގު ކުރަމުން ކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ރިޟްވާންގެ މައްސަލާގައި އެ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ފުލުހުންނާ ގުޅޭގޮތުން ފާހަގަ ކުރެވުނު ކަންކަން ފާހަގަކޮށް މަރާލާފައިވާ މީހުންނާއި ގެއްލުވާލައި ފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުގެ ފަރާތުންވެސް ސިޓީއެއް ލިބުނު ކަމަށެވެ. އެ ސިޓީގައި ރިޔާސީ ކޮމިޝަނުން ލަފާ ދީފައިވަނީ އެ މުއައްސަސާގެ ކުރީގެ ދެ އިންޓެލިޖެންސް އޮފިސަރުން ކަމަށްވާ މުހައްމަދު ޖިނާއި އިބްރާހިމް ރިފްއަތުގެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ކަމަށް ފުލުހުން ބުންޏެވެ.

"މި ސާވިސްގެ އޮފިސަރެއް ކަމުގައިވާ މުޙައްމަދު ފަޔާޒު އިސްމާއިލް އެ ކޮމިޝަނަށް ދިން ބަޔާނުގައި ފުށޫއެރުން ތަކެއް ހުރުމުން އެކަންވެސް އިތުރަށް ތަހުގީގު ކުރުމަށް އެދިފައިވެއެވެ. ހަމައެއާއެކު، އެ ކޮމިޝަންގެ ޑްރާފްޓް ރިޕޯޓުގައި މި ސާވިސްގެ ދެ ފުލުހުން ކަމަށްވާ އިބްރާހިމް ހަލީލް އާއި އަހުމަދު ހަމީދު އަބްދުއްރަހީމުގެ ނަން ފާހަގަ ކޮށްފައި ވަނީ އެފަރާތްތަކަކީ އެ ކޮމިޝަނަށް ބަޔާން ދިން ފަރާތްތަކެއް ކަމަށް ވާތީ ކަމަށް އަންގާފައި ވެއެވެ. އިބްރާހިމް ހަލީލް އާއި އަހުމަދު ހަމީދު އަބްދުއްރަހީމުގެ އެއްވެސް މައްސަލައެއް އޮތްކަމަށް އެ ކޮމިޝަނަށް ފާހަގަ ނުކުރެވޭކަމަށް ވަނީ އަންގާފައެވެ." ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން ބުނީ ރިޟްވާން މާރާލި މައްސަލައަކީ މިހާރުވެސް މަރާލައިފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ތަހުގީގު ކުރަމުންދާ އެކޮމިޝަންގެ ހާއްސަ އިހްތިސާސްގެ ތެރޭގައި ހިމެނޭ ޖިނާއީ މައްސަލައަކަށް ވާތީއާ އަދި އެ މައްސަލާގައި ފުލުހުންގެ އޮފިސަރުން ތަކެއް ޝާމިލު ވާތީއާ އެ ކޮމިޝަނުން ކުރެވުނު ޖިނާޢީ ތަހުގީގުން ހެއްކާއި ގަރީނާތައް ހޯދައި މަޢުލޫމާތު އާންމު ކޮށްފައިވާ މައްސަލައަކަށް ވާތީ އެ މައްސަލައާ ގުޅިގެން ޖިނާއީ އިޖުރާއަތްތަކެއް އެ މުއައްސަސާއިން އަލުން ހިންގުމުގެ ކުރިން މަރުތަކުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނަށް ފުލުހުންގެ މުއައްސަސާއިން ގުޅި ކަމަށެވެ.

"އެގޮތުން ކުރެވުނު މަޝްވަރާގައި އެކޮމިޝަންގެ ފަރާތުން މިސާވިސްއަށް މަޢުލޫމާތު ދެއްވާފައި ވަނީ ކުރީގެ ބައްދަލުވުންތަކުގައި ވެސް ފާހަގަ ކޮށްފައިވާ ފަދައިން އެ ކޮމިޝަނުން މިހާތަނަށް ފާހަގަ ކޮށްފައި ވާ ފުލުހުންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭފަދަ ހެކިތަކެއް ލިބިފައި ނުވާތީ އެ މައްސަލައާއި ގުޅިގެން މަތީގައި ބަޔާންކޮށްފައިވާ ދެ ފުލުހުން [ޕޮލިސް ކޯޕްރަލް މުހައްމަދު ޖިނާހު އަދި އިބްރާހިމް ރިއްފަތު] ހައްޔަރު ކުރަން ޖެހޭ ފަދަ ގާނޫނީ ސަބަބުތަކެއް އޮތް ކަމަށް ނުދެކޭ ކަމަށާ ނަމަވެސް އެ ފުލުހުންނާ މެދު އިދާރީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އެޅުމަށްޓަކައި މި ސާވިސްގެ ފަރާތުން އެ ފުލުހުންގެ މައްސަލަ ތަހުގީގު ކުރުމަށް ފެންނަ ކަމަށެވެ." ފުލުހުންގެ ބަޔާނުގައި ވެއެވެ.

ފުލުހުން ބުނީ ރިޟްވާންގެ މައްސަލައާ ގުޅޭގޮތުން ރިޔާސީ ކޮމިޝަނުން އެކުލަވާލައިފައި ވާ ރިޕޯޓު އެ މުއައްސަސާއަށް ހިއްސާ ކޮށް ދިނުމަށް އެދިފައިވާނެ ކަމަށެވެ. އަދި އެ ރިޕޯޓް ލިބުމުން ރިޕޯޓުގައި ފާހަގަކޮށްވާފައި ވާ އެ މުއައްސަސާއާ ގުޅޭ ކަންކަމުގައި އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.