ރާއްޖޭގައި ހަރުކަށި ފިކުރުގެ ނުރައްކާ އިންތިހާއަށް އޮތްކަން ގަބޫލުކޮށް ވީ އެންމެ އަވަހަކަށް ގައުމު ސަލާމަތް ކުރުން މުހިއްމު ކަމަށް ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ޝިފާއު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ހަރުކަށި ފިކުރު އޮތްކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ. އަދި ހަމައެއާ އެކުގައި ރާއްޖެ ސަލާމަތް ކުރަން ވަރަށް އަވަހަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ޝިފާއު ވިދާޅުވިއެވެ. ޝިފާއު ވިދާޅުވީ ކުރިއަށް ހުރި ރިޕޯޓުތަކުން ގައުމު ސަލާމަތް ކުރުމުގެ މުހިއްމު ކަމާއި ރާއްޖޭގައި ހަރުކަށި ފިކުރު އޮތްކަން ޔަގީންވެގެން ދާނެ ކަމަށް ޝިފާއު ވިދާޅުވިއެވެ.

ޝިފާއު މިފަދައިން ވިދާޅުވެފައި މިވަނީ ދާދިފަހުން ގެއްލުވާލާފައިވާ މީހުންނާއި މަރާލައިފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލައާ ގުޅޭ ގޮތުން ހާމަ ކުރި މައުލޫމާތުތަކުގެ ފަހުންނެވެ.

އެދުވަހުގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ ރިޟްވާން ވަނީ މަރާލާފައި ކަމަށެވެ. އަދި އެކަމުގައި ހަރަކާތްތެރިވި މީހުންނަކީ އަލްގައިދާ ޖަމާއަތުގެ ރާއްޖެ ގޮފީގެ މީހުން ކަމަށެވެ. އަދި އެފަދަ ޖަމާއަތްތައް ރާއްޖޭގައި އިންތިހާއަށް ހަރަކާތްތެރިވާ ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ. ސުއޫދުވެސް ވަނީ އެދުވަހުގެ ބައްދަލުވުމުގައި އެފަދަ ޖަމާއަތްތައް މުލުން ލުހެލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ރިޟްވާންގެ މަރާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ގިނަ މެންބަރުންތަކެއް ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.