ރަހީނުކޮށް މަރާލި ނޫސްވެރިޔާ އަހުމަދް ރިޟްވާން އަބްދުﷲ ސީރިއާއަށް ގޮސް މަރުވެފައިވާ ކަމަށް ދެއްކުމަށް ޕާސްޕޯޓް ހަދަން އުޅުނު ދެ ފުލުހުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކޮށް ގޭގައި މަޑުކުރުމަށް އެންގުމުން ނުފުދޭ ކަމަށާ، ބަންޑާރަ ނައިބުގެ އެންގުމާ އެއްގޮތައް ހައްޔަރު ކުރަންޖެހޭ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެ އެވެ.
މީކާއީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެފަަދަ ފަރާތްތަކަށް ހައްގު އަދަބު ދޭން ޖެހޭ ކަމަށާ، ފުލުހުންނާ ހިސާބުން މިކަން ނުނިމޭ ކަމަށާ، ދެ ފުލުހުންގެ ސުޕަވައިޒަރާއި އޭރުގެ އިންޓެލިޖެންސްގެ ވެރިޔާއާއި އޭރުގެ ކޮމިޝަނަރާއި އޭރުގެ ހޯމް މިނިސްޓަރު، މިކަމުގެ ޒިންމާ ނަގަންޖެހޭ ކަމަށެވެ.
މި ދެ ފުލުހުންގެ އިތުރުން ރިޟްވާނުގެ މައްސަލައިގައި އިތުރު ތިން ފުލުހަކަށް ތުހުމަތު ކުރެވެ އެވެ. އެ ފުލުހުންގެ މައްސަލަ ބަލައި އެ މީހުން މަސައްކަތުން އެކަހެރި ކުރަންވެސް ބަންޑާރަނައިބު އަންގަވާފައިވާކަމަށް ވަނީ އެނގިފައެވެ.
ރިލްވާން ސީރިއާއަށް ގޮސް މަރުވެފައި ވާކަން ދެއްކުމަށް އޭނާގެ ޕާސްޕޯޓު ހޯދުމަށް އޭރުގެ އިމިގްރޭޝަންގެ ވެރިޔާ، ހަސަން އަލީއާ ބައްދަލު ކުރީ ޕޮލިސް ކޯޕްރަލް މުހައްމަދު ޖިނާހުއާއި އިބްރާހިމް ރިއްފަތު އެވެ. އެމީހުން ހައްޔަރު ކުރުމަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ރޭ ވަނީ ފުލުހުންނަށް އަންގަވައިފަ އެވެ. މަރު ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓާ ގުޅިގެން ފުލުހުންގެ އިސްވެރިން ރޭ ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއާ ބައްދަލު ކޮށްފަ އެވެ.
މަރު ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުން އަލްގައިދާއަށް ނިސްބަތްވާ ދިވެހި ގޮފިން ރިޟްވާން ރަހީނުކޮށް، ބޯބުރިކޮށްލައި، އޭނާ ވަނީ ކަނޑުފައްތާފަ އެވެ.