އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް މަސްތުވާތަކެތި ދީ މަސްތު ކުރުވައިިގެން ބަދުއަހުލާގީ އަމަލު ހިންގައިފިއެވެ. ފުލުހުން ބުނީ މި ހާދިސާ ހިންގާފައި ވަނީ އުމުރުން 44 އަހަރާއި 33 އަހަރުގެ ފިރިހެނުން ކަމަށެވެ.

މިކަން ހިނގި ރަށެއް އަދި އެ އަމަލު ހިންގި ފިރިހެނުންގެ ގައުމެއް ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް ބުނީ އެކަން ހިނގާފައި ވަނީ ދެކުނުގެ ރަށެއްގައި ކަމަށެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ބުނީ، މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ ރޭ ދަންވަރު 1:45 ގައި ކަމަށެވެ. އަދި އެ މައްސަލައިގައި ހިމެނޭ މީހުން ހައްޔަރު ކޮށްފައި ވާކަމަށް ބުނެއެވެ. ނަމަވެސް އެމީހުން ހައްޔަރު ކުރީ ބަދުއަހުލާގީ އަމަލު ހިންގަން ތިއްބާ ކަމެއް ނުވަތަ ފަހުން ކަމެއް ފުލުހުން ނުބުންޏެވެ.

ރާއްޖޭގައި ކުޑަކުދިންނާއެކު ބަދުއަހުލާގީ އަމަލު ހިންގުން މިފަހަކަށް އައިސް ގިނަވެފައި ވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން ބައެއް އާއިލާ އާއިލާގެ ތެރޭގައިވެސް ބަދުއަހުލާގީ އަމަލު ހިންގައިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީއަށް ރިޕޯޓު ކޮށްފައި ވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ.