މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާންގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ، 241 ކޮމިޓީއަށް ފުލުހުން ހާޒިރުކުރާ ބައްދަލުވުން ސިއްރުކޮށްފިއެވެ.

ފުލުހުން ކޮމިޓީއަށް ހާޒިރު ކުރުމަށް މިރޭ 8:45 އަކަށް ތާވަލުކޮށްފައި ވަނިކޮށް މަޖިލީހުން ވަނީ މި ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފައެވެ. ފުލުހުން މި ކޮމިޓީއަށް ހާޒިރު ކުރަނީ ފުލުހުން އިސްނަގައިގެން އެކަމަށް އެދިފައިވާތީއެވެ.

ރިޟްވާން ގެއްލުވާލި މައްސަލައިގައި މަރުތައް ބަލާ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ބެލުމަށް 241 ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. މި ކޮމިޓީގައި ހިމެނޭ މެންބަރުން ނޫން އެހެން ހުރިހާ މެންބަރުންނަށް މަޖިލީހުން ވަނީ ޗުއްޓީ ދީފައެވެ. މި ކޮމިޓީގައި ހިމެނޭ މެންބަރުންނަށް ޗުއްޓީ ދީފައި ނުވަނީ މަރުތައް ބަލާ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމުގެ ގޮތުންނެވެ.

ރިޟްވާންގެ މައްސަލައިގައި މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ވާގޮތުން ހުޅުމާލެއިން ރިލްވާން ރަހީނުކޮށް، ޑިންގީއަކަށް އަރުވައިގެން ގެންގޮސް، ދޯންޏަކަށް އެރުވުމަށްފަހު، ކަރު ބުރިކޮށްލައި، ކަނޑުފައްތާފައެވެ. ރިޕޯޓުގައިވާގޮތުން ރިލްވާން މަރާލީ ރާއްޖޭގައި ހަރަކާތްތެރިވާ އަލްގައިދާގެ ބްރާންޗުންނެވެ.

މި ރިޕޯޓުން ގިނަ ކަންތައްތަކެއް ހާމަ ވެގެން ދިޔައިރު، ރިޟްވާންގެ މައްސަލާގައި ފުލުުހުންގެ އިހުމާލު ވަރަށް ބޮޑަށް އޮތް ކަމަށް އެ ރިޕޯޓުން ހާމަ ވެގެން ދެއެވެ. އެގޮތުން، ރިޟްވާން މައްސަލައިގެ ތަހުގީގަށް ހުރަސް އެޅި އިންޓެލް ދެ ފުލުހުން ކަމަށްވާ، ކޯޕްރަލް މުހައްމަދު ޖިނާޙު އަދި ކޯޕްރަލް އިބްރާހީމް ރިފްއަތު މުޖުތަމައުއަށް ދޫވެފައި ތިބުމަކީ، މި މައްސަލައިގެ މިނިވަން ތަހުގީގު ކުރިއަށް ގެންދިއުމަށް ހުރަސް އެޅިދާނެ ކަމެއް ކަމަށް ބުނެ އެ ދެ ފުލުހުން ހައްޔަރު ކުރުމަށް އެދި އޭޖީ އޮފީހުން ވަނީ މިއަދު ފުލުހުންނަށް ސިޓީއެއް ވެސް ފޮނުވާފައެވެ.