ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މި ހިނގާ ސެޕްޓެމްބަރު މަސް ތެރޭގައި ޗައިނާއަށް ވަޑައިގަންނަވާނެ ކަން ހާމަ ކުރައްވައިފިއެވެ.
މިނިސްޓަރު ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ހިނގާ ސެޕްޓެމްބަރު މަސް ތެރޭގައި ޗައިނާއަށް ކުރައްވާ ދަތުރަޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން، ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރު ކަމަށެވެ. އަދި މި ދަތުރު ވެގެން ދާނީ، ޗައިނާއާއި ރާއްޖެއާ ދެމެދުގެ ގުޅުންތައް ހަރުދަނާ ވެގެންދާނެ ދަތުރެއް ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
މިނިސްޓަރު ޝާހިދު ޗައިނާއަށް ވަޑައިގަންނަވަން ހަމަޖެހިފައި ވާކަން ހާމަ ކުރެއްވީ، މިނިސްޓަރު ޝާހިދާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒޭންގް ލިޒްހޮންގް އާ ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގަމުންދާ ސޯމިލް ބިލްޑިންގައި ބައްދަލު ކުރެއްވުމަށް ފަހުއެވެ.
މި ސަރުކާރާއި، ޗައިނާއާ ގުޅުން ބަދަހި ނޫން ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔަކަމުގައި ވީ ނަމަވެސް، މިހާރު މަރާމާތު ކުރަމުންދާ ފޮރިން މިނިސްޓްރީ ހިންގާ އިމާރާތުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ޗައިނާގެ އެހީގައެވެ. މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލިޒްހޮންގް އެވެ. މި ޕްރޮޖެކްޓް އެއްބަސްވުމުގައި ސޮއެކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.