މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން މަރާލުމާ ގުޅޭ ގޮތުން، ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓު އާންމުވުމަކީ މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ ރިޟްވާން ރަހީނުކޮށް މަރާލިގޮތް ހާމަކޮށް އެކުލަވާލި ރިޕޯޓު ރައްޔިތުން މަޖިލީހުގެ ޕީޖީ ގްރޫޕުގެ ލީޑަރުންނާ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހިއްސާކުރެއްވި މައްސަލައިގައި ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. އަދި އެ ރިޕޯޓުގައި ސިއްރު ހެކިވެރިންގެ މައުލޫމާތާއި ހާމަކުރަން ނުޖެހޭ ބައެއް މައުލޫމާތުތައް ހުރިކަމަށް ބުނެ މަޖިލީހަށާ، ކޮމިޝަނަށް ގިނަ ބަޔަކު އައީ ފާޑު ކިޔަމުންނެވެ.

މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ މަރު ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދުގެ ރިޕޯޓުގައިވަނީ ފުލުހުން އަތުގައު ހުރި މައުލޫމާތުތައް ކަމަށެވެ. އަދި އެ މައުލޫމާތަށް ބިނާކޮށް ދައުވާ ކުރެވޭނެ ނަމަ އެކަށް ކޮށްފައި އޮންނާނެ ކަމަށެވެ. އަދި ދައުވާ ސާބިތުވުމާ ރިޕޯޓު އާންމުވުމާ ގުޅުމެއް ވާކަމަށް ފެނިވަޑައިނުގަންނަވާ ކަމަށާ، ރައްޔިތުންނަށް ކަންކަން އޮޅުންފިލުން މުހިންމު ކަމަށް މާރިޔާ ވިދާޅުވިއެވެ.

ރިޕޯޓު އާންމުކުރި މައްސަލައިގައި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން، ރިޟްވާންގެ މައްސަލަ ބެލުމަށްފަހު އެކުލަވާލި ރިޕޯޓުގައި ސިއްރު ހެކިވެރިންގެ މައުލޫމާތެއް ހިމަނާފައިނުވާ ކަމަށާ، ޕާޓީތަކުގެ ލީޑަރުންނަށް ދިން ރިޕޯޓުގެ ކޮޕީ ނުނަންގަވާނެ ކަމަށެވެ.

އަދި ރިޕޯޓުގައި ސިއްރު ހެކިވެރިންގެ މައުލޫމާތު ހުލާސާ ރިޕޯޓުގައި ވެސް އަދި ޖުމްލަ ރިޕޯޓުގައި ވެސް، ހާމަކޮށްފައި ނުވާ ކަމަށާ އޭގައި ވަނީ ސިއްރު ހެކި 1 ސިއްރު ހެކި 2 ކަމަށާ، އެހެންކަމުން ސިއްރު ހެކި އެއްވެސް ރިޕޯޓެއްގައި ހާމަކޮށްފައި ނުވާ ކަމަށް ވެސް ނަޝީދު ވިދާލުވިއެވެ.

ނަޝީދު ވިދާޅުވީ ރިޟްވާންގެ މަރުގެ ރިޕޯޓު މަރު ކޮމިޝަންގެ ރައީސް އެމަނިކުފާނަށް އެރުއްވި ކަމަށާ، އަދި އެ ރިޕޯޓު ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް އެމަނިކުފާނު ދެއްވި ކަމަށެވެ. އަދި ބައެއް ބޭފުޅުންނަށް ލަފާކުރެެއްވެނީ އެ ރިޕޯޓު އަލުން އަނބުރާ ލީޑަރުންގެ އަތުން އަތުލެއްވި ކަމަށާ، ނަމަވެސް މަޖިލީހުގެ ނިޒާމް ހިނގާގޮތް ބައެއް ނޫސްވެރިންނަށް އެއްވެސް ގޮތަކަށް ނޭނގޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ދެއްވި ރިޕޯޓް އެއްވެސް ހާލެއްގައި އަތުލުމަށް ވިސްނާވަޑައިގެންފައި ނުވާ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި އެ ރިޕޯޓް މެންބަރުންނަށް ލިބުމާ، އަދި އެ ހުލާސާ ރިޕޯޓެއް ހާމަކުރުމާ ގުޅިގެން، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެފައިވަނީ އެ ރިޕޯޓް އާންމުކުރުމުން ލިބުނު ފައިދާ ގިނަ ކަމަށާ އަދި ނަތީޖާ ރަނގަޅު ކަމަށެވެ.

އެހެންކަމުން ސިޔާސީ ޕާޓީތަކުގެ ލީޑަރުން ރިޟްވާންގެ މަރުގެ ރިޕޯޓު ލީކު ނުކުރައްވާނެކަމާ މެދު ޝައްކެއް ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މައުލޫމާތު ހާމަކުރެވިގެން މިދަނީ ހުލާސާ ރިޕޯޓަކަށް ކަމަށާ، ކޮމިޝަންގެ ރައީސް ވިދާޅުވަނީ ހުލާސާ ރިޕޯޓު ހާމަކުރުމުން ވެސް، ލިބުނު ފައިދާ ބޮޑުކަމަށް ކަމަށެވެ.