މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަަދު ރިޟްވާންގެ މައްސަލަ ބެލުމަށްފަހު އެކުލަވާލި ރިޕޯޓުގައި ސިއްރު ހެކިވެރިންގެ މައުލޫމާތެއް ހިމަނާފައިނުވާ ކަމަށާ، ޕާޓީތަކުގެ ލީޑަރުންނަށް ދިން ރިޕޯޓުގެ ކޮޕީ ނުނަންގަވާނެ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރިޟްވާންގެ މަރުގެ ތަހުގީގުކުރުމަށްފަހު އެކުލަވާލި ރިޕޯޓާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ސިއްރު ހެކިވެރިންގެ މައުލޫމާތު ހުލާސާ ރިޕޯޓުގައި ވެސް އަދި ޖުމްލަ ރިޕޯޓުގައި ވެސް، ހާމަކޮށްފައެއް ނުވާ ކަމަށެވެ. އަދި އޭގައިވަނީ ސިއްރު ހެކި 1 ސިއްރު ހެކި 2 ކަމަށާ، އެހެންކަމުން ސިއްރު ހެކި އެއްވެސް ރިޕޯޓެއްގައި ހާމަކޮށްފައެއް ނުވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ ރިޟްވާންގެ މަރުގެ ރިޕޯޓު މަރު ކޮމިޝަންގެ ރައީސް އެމަނިކުފާނަށް އެރުއްވި ކަމަށާ، އަދި އެ ރިޕޯޓު ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް އެމަނިކުފާނު އެރުއްވިކަމަށެވެ. އަދި ބައެއް ބޭފުޅުންނަށް ލަފާކުރެެއްވެނީ އެ ރިޕޯޓު އަލުން އަނބުރާ ލީޑަރުންގެ އަތުން އަތުލެއްވި ކަމަށާ، ނަމަވެސް މި މަޖިލީހުގެ ނިޒާމް ހިނގާގޮތް ބައެއް ނޫސްވެރިންނަށް އެއްވެސް ގޮތަކަށް އެނގިވަޑައިނުގަންނަވާކަމަށް ނަޝީދު ވިދާޅުވިއެވެ.

"މި މަޖިލީހުގެ ސިޔާސީ ޕާޓީ ލިޑަރެއްގެ އަތަށް އަޅުގަނޑު ރިޕޯޓެއް އަރުވާފައި، އެ އަނބުރާ އަތުލުން އެއީ އަޅުގަނޑަށް ހިންގޭނެ ބާވަތުގެ އަމަލެއް ނޫން. މެންބަރުންނަކީ އިންތިހާބުވެ ސިޔާސީ ޕާޓީތައް ތަމްސީލުވާ ލީޑަރުންގެ ގޮތުގައި ތިއްބަވާ ބޭފުޅުން. މަޖިލީހުގެ މުޅި ނިޒާމް ގުޅިފައިވަނީ ޕާޓީތަކުގެ ނިޒާމާ. މި މަޖިލީހަށް ލިބޭ ސިއްރަސް އަދި އަދި ހާމައަސް، ފާޅުގައި ވިޔަސް އަދި އަނދިރީގައި ވިޔަސް، ލިބޭ ރިޕޯޓެއް ވެސް އަދި މައުލޫމާތެއް ވެސް ހިއްސާ ކުރެވުމުންދާނެ މި މަޖިލީހުގެ އަސާސްތައް ބުނާ ފަރާތްތަކާއެކުގައި އެ ހިއްސާކުރަންޖެހޭ ގަޑިގަޑީގައި،"
ނަޝީދު

ނަޝީދު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ދެއްވި ރިޕޯޓް އެއްވެސް ހާލެއްގައި އަތުލުމަކަށް ވިސްނާވަޑައިގެންފައި ނުވާ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި އެ ރިޕޯޓް މެންބަރުންނަށް ލިބުމާ، އަދި އެ ރިޕޯޓް ކޮންމެވެސް މިންވަރަކަށް ހާމަކުރުމާއި، އަދި އޭގެ ހުލާސ ރިޕޯޓެއް ހާމަކުރުމާ ގުޅިގެން، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެފައިވަނީ އެ ރިޕޯޓް އާންމުކުރުމުން ލިބުނު ފައިދާ ގިނަ ކަމަށް އަދި ނަތީޖާ ރަނގަޅުކަމަށް ކަމަށެވެ.

އެހެންކަމުން ސިޔާސީ ޕާޓީތަކުގެ ލީޑަރުން ރިޟްވާންގެ މަރުގެ ރިޕޯޓް ލީކު ނުކުރައްވާނެކަމާ މެދު ޝައްކެއް ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މައުލޫމާތު ހާމަކުރެވިގެން މިދަނީ ހުލާސާ ރިޕޯޓަކަށް ކަމަށާ، ކޮމިޝަންގެ ރައީސް ވިދާޅުވަނީ ހުލާސާ ރިޕޯޓު ހާމަކުރުމުން ވެސް، ލިބުނު ފައިދާ ބޮޑުކަމަށް ކަމަށެވެ.

"އެހެންކަމުން މުޅި ރިޕޯޓް ތާވަލުކުރުމާ ގުޅޭގޮތުން ވެސް، އަދި ހުރިހާ މެންބަރުންނަށް މުޅި ރިޕޯޓު ދިނުމާ ގުޅޭގޮތުން ވެސް އެބަ ވިސްނަން. އަޅުގަނޑަށް ވެސް ސިއްރު ހެކިންނަކީ ކޮބައިކަމެއް އެނގިފައެއް ނުވޭ،"
ނަޝީދު

ނަޝީދު ވިދާޅުވީ ރިޕޯޓުގައިވާ ފަނޑިޔާރުންނާ ގުޅޭކަންކަން، އަދި ނަންގަނެވިފައިވާ ހުރިހާ ފަނޑިޔާރުންނާ ގުޅޭގޮތުން ފިޔަވަޅުއަޅާނެކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ އެމަނިކުފާނަށް ސާފުކޮށްދެއްވި ކަމަށެވެ. އަދި ޖޭއެސްސީއިން ވަނީ އެއް ފަނޑިޔާރަކާ ގުޅޭގޮތުން ފިޔަވަޅު އެޅުމަށްޓަކައި، މަސައްކަތް ފައްޓަވާފައިކަމަށް ނަޝީދު ވިދާޅުވިއެވެ.