ޕާކިސްތާނުވެސް ހިމެނޭ ގޮތަށް، ހުރިހާ ގައުމުތަކަކާއެކު ސުލްހަވެރި ގުޅުމެއް ދަމަހައްޓަންޖެހޭކަން އިންޑިއާއިން ގަބޫލުކުރާ ކަމަށާ، ނަމަވެސް އެ ގައުމުތަކަކީ އިންޑިއާގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަދެގެންވާނެ ބައެއް ނޫންކަމަށްވެސް އިންޑިއާއިން ގަބޫލުކުރާ ކަމަށް، އިންޑިއާގެ ނައިބު ރައީސް އެމް ވީ ނައިދޫ ވިދާޅުވެއްޖެއެވެ.

އިންޑިއަން ކައުންސިލް އޮފް ވާލްޑް އެފެއާޒް (އައިސީޑަބްލިއުއޭ)ގެ އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުން ނައިދޫ ވަނީ، މައި މުލުން ޓެރަރިޒަމް ލުހެލާ، ބައިނަލްއަގުވާމީ ސުލްހަ ދެމެހެއްޓުމަށް ބައިނަލްއަގުވާމީ މުޖުތަމައު އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށްވެސް ގޮވާލައްވާފައެވެ.

ޓެރަރިޒަމްއަކީ އިންސާނިއްޔަތުގެ ދުޝްމަން ކަމުގައި ސިފަކުރައްވާ ވާހަކަފުޅު ދައްކަވަމުން ނައިދޫ ވަނީ، ކުރިއަރާ ދިއުމަށްޓަކައި ސުލްހައިގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ނައިދޫ ވަނީ އދގެ ސަލާމަތީ މަޖިލީހަށްވެސް ބަހުގެ ވަރުގަދަ ހަމަލާއެއް ދެއްވާފައެވެ. އިންޑިއާއާއަކީ ދުނިޔޭގެ އާބާދީގެ 6 ބައިކުޅަ 1 ބައި ހިއްސާކުރާ ގައުމުކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން ނައިދޫ ވަނީ، އދގެ ސަލާމަތީ މަޖިލީހަކީ ޑިމޮކްރަސީގެ އުސޫލުތަކުން ހިންގާ އިދާރާއަކަށް ވާންޖެހޭ ކަމަށް ވިދާޅުވެފައެވެ.

އދގެ ސަލާމަތީ މަޖިލީހާ ގުޅިގެން އިންޑިއާގެ ނައިބު ރައީސް މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މި ދަނޑިވަޅަކީ، އިންޑިއާގެ ގާނޫނު އަސާސީއަށް ގެނައި ބަދަލެއްގެ މައްސަލާގައި، ޗައިނާގެ އެހީތެރިކަމާއެކު ޕާކިސްތާނުން އދގެ ސަލާމަތީ މަޖިލީހަށް ކަޝްމީރުގެ މައްސަލަ ހުށަހަޅާފައިވާ ދަނޑިވަޅެކެވެ.