2012 އިން ފެށިގެން 2019 އާ ހަމައަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ 148 މީހުން ނުފެންނަ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ރެކޯޑުތަކުން ދައްކާފިއެވެ.

ފުލުހުންގެ ރެކޯޑުތަކުން ދައްކާގޮތުން ފާއިތުވެ ދިޔަ 7 އަހަރު ތެރޭގައި ދިވެހިންނާއި ބިދޭސީން ހިމެނޭގޮތަށް، އެކި ގޮތްގޮތުން ވީތަނެއް ނޭނގި ނުވަތަ ގެއްލިގެން 265 މީހެއްގެ މައްސަލަ ހުށަހަޅާފައި ވެއެވެ. ހޯދަނިކޮށް މީގެތެރެއިން ފެނިފައި ވަަނީ 117 މީހުންނެވެ. އެ މީހުން ހޯދާފައި ވަނީ ގެއިން ނުކުމެގެން ރައްޓެހިންނާއެކު ކޮންމެވެސް ތަނެއްގައި ނުވަތަ ރަށެއްގައި އުޅެނިކޮށް ފެނިގެންނެވެ. ނަމަވެސް މިހާތަނަށް ނުފެނި 148 މީހުން އެބަ އުޅެއެވެ.

ފުލުހުން ބުނީ، ފާއިތުވި 7 އަހަރު ތެރޭގައި ހޯދާ ނުފެނި ތިބި މީހުންގެ ތެރެއިން 143 މީހުންނަކީ ކަނޑުމަތީގެ އެކި ހާދިސާތަކުގައި ގެއްލި މިހާތަނަށް ހަބަރެއް ވެފައި ނުވާ މީހުންނެވެ. ބާކީ ތިބި ފަސް މީހުންގެ ތެރޭގައި، ފަޅުރަށެއްގައި އުޅެނިކޮށް ގެއްލިފައިވާ މީހަކާއި، ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ގެއްލިފައިވާ މީހެއްގެ އިތުރުން، ރާއްޖެއިން ބޭރުގައި އުޅެނިކޮށް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ހުށަހެޅުނު ދެ މީހަކު އަދި ވީނުވީއެއް ނޭނގި ގެއްލިފައި ވާކަމަށް ހުށަހެޅި އަދި މިހާތަނަށް ފެނިފައިނުވާ މީހެއް ހިމެނެއެވެ. މީގެ ތެރެއިން ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހާގެ މައްސަލަ މިވަގުތު ދަނީ ޝަރީއަތުގެ މަރުހަލާގައި ހިނގަމުންނެވެ.

އެކިގޮތްގޮތުން ގެއްލިފައިވާ 148 މީހުން ހޯދާ ނުފެނިފައި ވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެން، އެމަނިކުފާނު ވަނީ ގެއްލިފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންނަށް ވީގޮތެއް ހޯދުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ. އެ ކޮމިޝަން އުފެއްދެވުމުގެ އެންމެ ބޮޑު އެއް މަގުސަދު ކަމުގައި ރައީސް ސޯލިހް ވިދާޅުވީ، 2014 ވަނަ އަހަރުން ފެށިގެން ހޯދަމުން ދިޔަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަށް ވީގޮތެއް ހޯދުމެވެ.

ރިޟްވާން މަރާލާފައިވާ ކަން މަރު ކޮމިޝަނުން މިދިޔަ އާދިއްތަ ދުވަހު ހާމަ ކުރުމާ އެކު އާންމުންގެ ބައެއް ފާޑުކިއުން ވަނީ ސަރުކާރަށް އަމާޒު ވެފައެވެ. އެގޮތުން، އެކި ގޮތްގޮތުން ގެއްލިފައިވާ މީހުންގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކޮށް ބައެއް ފަރާތްތަކުން ބުނަމުން ދަނީ، އެމީހުންނަށް ވީ ގޮތެއް ސަރުކާރަށް ހޯދިފައި ނުވަނީ އެމީހުނަންކީ ސިޔާސީ ބަޔަކަށް ނުވާތީ ކަމަށެވެ. އަދި އެ މީހުންނަށް ވީ ގޮތެއް ހޯދާ، އެމީހުންގެ އާއިލާތަކަށް ހައްގު ހޯދައި ދިނުމަށް އެދި ގިނަ ފަރާތްތަކުން ދަނީ އެދެމުންނެވެ.

ގެއްލިފައިވާ މީހުންގެ ތެރެއިން އެމީހުންނަށް ވީ ގޮތެއް ހޯދާ ދިނުމަށް އެދި އެންމެ އަޑު ގަދަވެފައިވަނީ އައްޑޫގައި މަހަށް ނުކުމެ އުޅެނިކޮށް ޑިންގީ ބަންޑުން ޖަހައިލުމުން ގެއްލިފައިވާ ޕޮލިސް ކޯޕްރަލް މުހައްމަދު ސުމައިދު އަދި ލ. އަތޮޅުން ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްލިފައިވާ އައިމިނަތު ޝިމާ ނާފިޒުގެ ވާހަކައެވެ. ސުމައިދު ގެއްލުނުތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު، ޝިމާ ގެއްލުނުތާ 6 މަހަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ނަމަވެސް މި ދެމީހުންނަށް ވެސް ވީނުވީއެއް އަދި ހޯދިފައެއް ނުވެއެވެ. މީގެ އިތުރުން، ވީނުވީއެއް ނޭނގި ފުވައްމުލަކުން ގެއްލިފައިވާ މުހައްމަދު ޝަފީއުގެ ވާހަކަ ވެސް ސޯޝަލް މީޑިއާގައި ދަނީ ދެކެވެމުންނެވެ. ޝަފީއު ގެއްލުނުތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު، އޭނާ ގެއްލުނު މައްސަލަ މަރު ކޮމިޝަނުން ދަނީ ބަލަމުންނެވެ. ޝަފީއު ގެއްލިގެން ހޯދަން ފެށީ، އޭނާގެ އަންހެނުންގެ ގެއިން މަންމަމެންގެ ގެއަށް ދާން ނިކުތް ފަހުން އޭނާގެ ހަބަރެއް ނުވެގެންނެވެ.