ނޭވާ ހުއްޓުނު ތުއްތު ކުއްޖެއް ސަލާމަތް ކުރުމަށް ސިފައިންގެ މީހަކު އެކުއްޖާ ސެނަހިޔާއަށް ގެންގޮސް ދީފިއެވެ. އޭނާ އެކުއްޖާ ގެންދިޔައީ އަތްދަނޑިމަތީގައެވެ.

އެމްއެންޑިއެފުން ބުނީ އިއްޔެ ހެނދު 10.30 ހާއިރު، ހ. ފެންނާގެ 6 ވަނަ ފަންގިފިލާގައި އޮތް އުމުރުން 15 ދުވަސްވީ ތުއްތު ކުއްޖެއްގެ ނޭވާ ހުއްޓިގެން ސިއްހީ އަވަސް ފަރުވާއަށް ޕްރައިވެޓް އިބްރާހިމް ސިނާން ގެ އަތްދަޑިމަތީގައި ސެނަހިޔާ އަށް ގެންގޮސް ދީ އެކުއްޖާގެ ފުރާނަ ސަލާމަތް ކޮށްދީފައި ވާ ކަމަށެވެ.

އަދި އެކުއްޖާއަށް ސެނެހިޔާ އިން ފަރުވާ ދީފައި ވަނީ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ފަސްޓްލެފްޓިނެންޓް ޑރ. ޝިފްލާ އަބްދުލް ލަތީފް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑިއެފުން ބުނީ ޕްރައިވެޓް އިބްރާހިމް ސިނާނަކީ އެމްއެންޑީއެފް ކޯސްޓްގާޑުގައި މަސައްކަތް ކުރަމުންދާ މީހެއް ކަަމަށެެވެ. އަދި އޭނާ އެކުއްޖާ ބޭލީ އެގޭގެ ހަވަނަ ފަންގިފިލާއިން ސިޑީގައި ކަމަށާ، އެގޭގެ ލިފްޓް ހުރީ އެވަގުތު ހުއްޓިފައި ކަމަށެވެ.

ސިނާންގެ މަސައްކަތާއެކު އެނާާއަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ. ސިނާންގެ ފޮޓޯއާއެކު މީހަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ބުރުޒު މަގުން ތުއްތު ކުއްޖަކު އަތްމައްޗަށް ލައިގެން ސެނަހިޔާއާ ދިމާލަށް ދުވެފަ ދިޔައީ ހިތްވަރުގަދަ ހީރޯއެއް ކަމަށެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ވަނީ ސިނާންގެ މަސައްކަތަށް ތައުރީފް ކުރައްވައި އެކަމާ ފަހުރުވެރި ވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. މާރިޔާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ އޮފިސަރުންގެ ފަރާތުން ފެންނަ މިފަދަ މަންޒަރުތަކަކީ އުފާވެވަޑައިގަންނަވާ މަންޒަރުތަކެއް ކަމަށެވެ.

އެ ކުއްޖާގެ ހާލު މިހާރު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.