އެކިއެކި ގައުމުތަކުގައި ބޭނުންކުރަމުން ގެންދާ ތައުލީމީ މަންހަޖުތައް ދިރާސާކޮށް، ދަރިވަރުންގެ ކުރިއެރުމަށްޓަކައި މިފަދަ މަންހަޖުތަކުގެ ބޭނުން ހިފުމުގެ މުހިންމުކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ފަރާތުން އިންތިޒާމުކޮށްގެން އައްޑޫ ސިޓީގައި މިއަދު ފެށި 5 ވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ ބޭރުގެ ގައުމުތަކުން ތައުލީމީ ދާއިރާގައި ކުރިއެރުންތަކެއް ހޯދަމުން ގެންދަވާ ކަމަށާ، އެފަދަ ގައުމުތަކުގައި ބޭނުންކުރަމުން ގެންދާ ތައުލީމީ މަންހަޖުތައް ދިރާސާކޮށް، ދަރިވަރުންގެ ކުރިއެރުމަށްޓަކައި އެ މަންހަޖުތަކުގެ ބޭނުން ހިފުމުގެ މުހިންމުކަމަށެވެ. އެގޮތުން ނައިބު ރައީސް މިއަހަރުގެ މާރޗްމަހުގެ ތެރޭގައި ފިންލެންޑަށް ކުރެއްވި ދަތުރުފުޅުގައި ތައުލީމީ ދާއިރާގައި އެގައުމުން ފެނިވަޑައިގެންނެވި ތައުލީމީ ސިޔާސަތުތަކުން މިސާލު ނަންގަވައިގެން ބައެއް ކަންކަން ހިއްސާ ކުރެއްވިއެވެ.

"ތައުލީމީ ދާއިރާގެ ކުރިއެރުމާއި ދަރިވަރުންގެ ވިސްނުން ތަރައްގީކުރުމަށް ހާއްސަ އިސްކަމެއްދީގެން ފިންލެންޑުގައި އެކުލަވާލާފައިވާ ތައުލީމީ މަންހަޖަކީ ތަފާތު ގޮތަކަށް ބައްޓަންކުރެވިފައިވާ މަންހަޖެއްނަމަވެސް، އެމަންހަޖުގެ ސަބަބުން ފިންލެންޑަކީ ދުނިޔޭގެ ފެންވަރުގައި ތައުލީމީ ދާއިރާއިން ފާހަގަކޮށްލެވޭ ގައުމަކަށްވެފައިވޭ،"
ނައިބު ރައީސް ފައިސަލް ނަސީމް

ނައިބު ރައީސް ވިދާޅުވީ ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސް ރާއްޖޭގައި ދެވޭ ތައުލީމުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ތައުލީމީ ދާއިރާގައި ދުނިޔޭގެ ފެންވަރާ ގައުމީ ފެންވަރުގެ އިތުރުން ފަރުދީ ފެންވަރުގައި ބައިވެރިވުން އިތުރުކޮށް، ތައުލީމީ ދާއިރާގެ ފުންނާބުއުސް ފަރާތްތަކުގެ ހިޔާލާއި ފަންނީ މަޝްވަރާ ހިއްސާކުރުމަށް އެކަށޭނަ މާހައުލެއް ގާއިމްކޮށްދިނުމެވެ.