ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގްހާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ހެނދުނު އެނބުރި ލަންކާއަށް ވަޑައިގެންފިއެވެ.

ރައީސް ސޯލިހުގެ ދައުވަތަކަށް، މިމަހުގެ 2 އިން 4 އަށް ލަންކާގެ ބޮޑު ވަޒީރު ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅުގައި ރާއްޖެއިން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. ލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި އަނބިކަބަލުން ޕްރޮފެސާ މައިތިރީ ވިކްރަމަސިންހަގެ އިތުރުން އެގައުމުގެ ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއްވެސް ރާއްޖެ ވަޑައިގެންނެވިއެވެ.

ލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއް ބަދަލު ކުރެވިފައިވެއެވެ. އަދި ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ވަނީ ބައްވާފައެވެ. އެގޮތުން، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެގައުމުގެ ދެމެދުގައި އެކި ދާއިރާތަކުގައި އިތުރަށް ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުންނާއި، ދެގައުމުން އަހައްމިއްޔަތުކަން ދޭ ކަންކަމާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވެއެވެ.

އެގޮތުން ސިއްހީ ދާއިރާއާއި، ތައުލީމީ ދާއިރާއާއި، ޒުވާނުންގެ ހުނަރު ތަރައްގީ ކުރުމާއި ސަގާފީ ގޮތުން ގުޅުން ބަދަހި ކުރުމުގެ އިތުރުން ސަރަޙައްދީ ސަލާމަތީ ރައްކާތެރިކަން އިތުރުކުރުމާ ބެހޭގޮތުން ދެގައުމުގެ ލީޑަރުން މަޝްވަރާ ކުރެއްވިއެވެ. ލަންކާގެ ބޮޑުވަޒީރުގެ ދެކަނބަލުންގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދެއްވި ރަސްމީ ޖާފަތުގައި ބޮޑުވަޒީރުގެ ދެކަނބަލުންނާއި އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުން ބައިވެރިވެވަޑައިގެންނެވިއެވެ.

ލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވާފައި ވެސް ވެއެވެ.

ބޮޑުވަޒީރުގެ މިދަތުރުފުގައި، ރާއްޖޭގައި މި މަހުގެ 3 އިން 4 އަށް ބޭއްވި އިންޑިއަން އޯޝަން ކޮންފަރެންސް 2019 ގައި ބައިވެރިވެވަޑައިގެން އެ ކޮންފަރެންސްގެ ރިޔާސަތު ބަލަހައްޓަވާފައި ވެއެވެ.