ހެނދުނުގެ ރަންއަވީގެ ދޯދިތަކުގެ މަޑުހޫނުކަމުން ހަށިގަނޑަށް އަރާމުކަމެއް ލިއްބައިދޭ އެންމެ ހިތްގައިމު އެއް މަންޒިލަކީ މޫދާ ގުޅިފައިވާ ގޮނޑުދޮށްތައްކަމާ މެދު ދެބަސްވާނެ މީހަކު މަދުވާނެއެވެ. ދިވެހިރާއްޖެ ނޫންނަމަވެސް، ޕާކިސްތާނުގައިވެސް މިކަން އޮތީ މިހެނެވެ. ނަމަވެސް ތަފާތެއް އެބަ ހުއްޓެވެ. މީގެ ކުރިން އިންތިހާ އަރާމާ ހިތްހަމަޖެހުން ލިއްބައިދިން ގޮނޑުދޮށް މިއަދު ބަދަލުވެފައިވަނީ ނަމާން އައްސޭރިއަކަށެވެ. ދޮންވެލިގަނޑު ފޮރުވިފައިވަނީ ހޮސްޕިޓަލަކުން އުކާލާފައިވާ ތަޣައްވަރުވެފައިވާ ސިރިންޖުތަކާ، ލޭ ފުޅިތަކާ އެނޫންވެސް އެފަދަ ކުނިބުނިންނެވެ.

މި ދައްކަނީ ޕާކިސްތާނުގެ ކަރާޗީގެ ދެކުނުގައި އޮންނަ ކްލިފްޓަން ބީޗްގެ ވާހަކައެވެ. މިއީ ޕާކިސްތާނަށް ޒިޔާރަތް ކުރާ މީހުންނާ، ޕާކިސްތާނުގެ އާންމުންގެ މެދުގައިވެސް މަގުބޫލު ސަރަހައްދެކެވެ. ނަމަވެސް ބޯކޮށްވާރޭވެހުމަށްފަހު މިސަރަހައްދު މިހާރު ވަނީ މެޑިކަލް ވޭސްޓުން ތަޣައްޔަރުވެފައެވެ. ރަންކުލައިން ވިދާ ބަބުޅަމުންދިޔަ ހަތަރު ފަސް ކިލޯމީޓަރުގެ ގޮނޑުދޮށުން މިއަދު ހޮވަންޖެހެނީ ހޮސްޕިޓަލުގެ ކުނިވަށިގަނޑެއްގެ ތެރެއިން ފެންނަ ސަމާނެވެ.

މިމައްސަލާގައި އެންމެ ފާޅުކަންބޮޑު ގޮތެއްގައި ވަކާލާތުކުރަމުންދާ އެކަކީ، ޕާކިސްތާނުގެ ކުރިކެޓް ލެޖެންޑް ވަސީމް އަކްރަމްގެ އަންހެނުން ޝަނީރާ އަކްރަމްއެވެ.

"މިދިޔަ 4 އަހަރު ދުވަހު، ކޮންމެ ދުވަހަކު އެއްފަހަރު އަހަރެން މި ގޮނޑުދޮށުގައި ހިނގަން. އެކަމަކު މިއަދު ނޫނީ ބިރެއް ނުގަނޭ" ގޮނޑުދޮށުން ފެންނަން ހުރި ނުރައްކާތެރި ކުނިބުނީގެ ތަސްވީރަކާއެކު ޝަނީރާ ކޮށްފައިވާ ޓްވީޓެއްގައި އޭނާ ބުންޏެވެ.

ޝަނީރާ ބުނި ގޮތުގައި ގޮނޑުދޮށުގައި 10 ވަރަކަށް މިނެޓް ހިނގާލެވުނުއިރު 50 އަކަށް ސިރިންޖް ހޮވުނެވެ. އޭނާ ސިފަކުރި ގޮތުގައި މުޅި ގޮނޑިދޮށަށް "ހޮސްޕިޓަލެއް ދޮވެލާފައި" އޮތް ފަދައެވެ.

ކުނިބުނީގެ މައްސަލައަކީ ޕާކިސްތާނުގައިވެސް ބޮޑު މައްސަލައެކެވެ. ނަމަވެސް، ސިއްހީ ފަރުވާގެ ހިދުމަތާ ގުޅިފައިވާ ކުނިބުނީގެ މައްސަލަ މިހާ ފާޅުކަން ބޮޑު ގޮތެއްގައި ފެންމަތިވި މިއީ ފުރަތަމަ ފަހަރެވެ.

ޕާކިސްޔާނުގެ ރައްޔިތުން ދުވާލެއްގެ މައްޗަށް އުފައްދާ 13000 ޓަނުގެ ކުނީގެ 3 ބައިކުޅަ 1 ބައި ކުނި ދައުރުކުރަނީ ކާނުގަނޑުތަކަށެވެ. ކުނިގޮނޑުތަކުގައި ޖަހާފައިވާ ކުނިފަރުބަދަތަކުގެ އުސްމިން ކޮޅުންލަނީއެވެ. އޭގެ ދަށުން ދެމެމުންދަނީ ނަރުދަމާގެ ނަޖިސް ފެނެވެ. ކުންޏާ އެކުވެގެން މި ނަޖިސްތައް ބޭރުވަނީ، ކްލިފްޓަން ބީޗްއާއި ގުޅިފައިވާ އަރަބިކަނޑުގެ ސަރަހައްދަށެވެ.

ޝަނީރާގެ ޓްވީޓަށް މާ ގިނައިރުތަކެއް ނުވަނީސް ކްލިފްޓަން ބީޗް ސަރަހައްދުވަނީ ބަންދުކޮށްފައެވެ. ނަމަވެސް، އެއީ ކިހިނެއް އެސަރަހައްދަށް ޖަމާވި ސާމާނެއްކަން އަދި ކަށަވަރުކުރެވިފައެއް ނުވެއެވެ. ސިއްހީ ފަރުވާގެ ތެރެއިން އުކާލާ ކުނިބުންޏަކީ އިންތިހާއަށް ނުރައްކާ ތަކެއްޗެވެ. ތަފާތު އެކި ބަލިތަކުގެ މީހުންނާ ގުޅުންހުރި ކިތަންމެ ސަމާނެއް މީގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ނުރަނގަޅު ގޮތެއްގައި ހަށިގަނޑުގައި ޖެހިއްޖެނަމަ ފުރާނައަށް ނުރައްކާވާޒާތުގެ ކިތަންމެ ކެމިކަލެއްވެސް މީގެ ތެރޭގައި އެކުލެވެއެވެ. ހޮސްޕިޓަލުތަކުގައި އުފެދޭ ކުންފުންޏަކީ ވަކި ގޮތަކަށް ނައްތާލަން ޖެހޭ ކުނިބުންޏަށްވާއިރު، މަދުން ނަމަވެސް މިކަހަލަ ސަމާނު އާންމު ތަންތަނުން ފެންނަ މައްސަލަ ރާއްޖޭގައިވެސް މީގެ ކުރިންވަނީ ފެންމަތިވެފައެވެ.