އިންޑިއާއާއި ޕާކިސްތާނާ ދެމެދު ވިޔަފާރީގެ ހުރިހާ ގުޅުމެއް ކަނޑާލާފައި އޮންނަތާ ދުވަސް ތަކަކަށް ފަހު، ބައެއް މުއާމަލާތްތައް އަލުން ފަށައިފިއެވެ.

ބޮޑުވަޒީރު އިމްރާން ހާންގެ ސަރުކާރުން، ވިޔަފާރީގެ ބައެއް ގުޅުންތައް އަލުން ފަށާފައި ވަނީ ޕާކިސްތާނުގެ ވިޔަފާރި ވެރިންގެ ބޮޑެތި ފިއްތުންތަކަކާ އެކުގައި ކަމަށް ޚަބަރު ލިބެއެވެ.

އަލަށް ގެނެވުނު މި ބަދަލާއެލު އިންޑިއާއާ އިން ޕާކިސްތާނަށް އެތެރެ ކުރަމުން ދާނީ ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ ބައެއް ކަހަލަ ބޭސްފަރުވާގެ ސާމާނު ކަމަށް މައުލޫމާތު ލިބެއެވެ. މީގެ ތެރޭގައި ހަކުރު ބައްޔާ، ޓީބީ އާއި ކެންސަރު ބަލީގެ އިތުރުން ހިތުގެ ބަލިތަކާ ގުޅުންހުރި ބޭސްފަރުވާގެ ސަމާނު ހިމެނެއެވެ.

ޕާކިސްތާނުގައި އުފައްދާ ބޭސްފަރުވާގެ ސަމާނަށް ބޭނުންވާ ރޯމެޓީރިއަލްސްގެ 50 ޕަސެންޓަކީ އިންޑިއާއިން އެތެރެކުރާ ސާމާނެވެ. ހެޔޮ އަގުގައި މިކަތެތި ގަންނަން ލިބެނީ އިންޑިއާއާއިންނާއި ޗައިނާއިން އެކަންޏެވެ. ވިލާތާ އެނޫން ސަރަހައްދުތަކުން ރޯމެޓީރިއަލްސް ގަންނަން ލިބޭ އަގު ބޮޑެވެ.

ޕާކިސްތާނުގައި އުފައްދާ ބޭހުގެ އުފެއްދުންތަކަށް ބޭނުންވާ 820 ބާވަތެއްގެ ކެމިކަލަކީ އިންޑިއާއިން ގަންނަ ކެމިކަލްތަކެކެވެ. މީގެ ތެރެއިންވެސް 62 ބާވަތެއް ހޯދުމަށް ޕާކިސްތާނުން ބަރޯސާވާ ހަމައެކަނި ގައުމަކީ އިންޑިއާއެވެ. މީގެ ތެރެއިން 23 ބާވަތަކީ ފުރާނަ ސަލާމަތްކުރުމުގެ ބޭސްފަރުވާއާއި ސީދާ ގޮތުން ގުޅިފައިވާ ބާވަތްތަކެކެވެ.

އިންޑިއާއާއި ޕާކިސްތާނާ ދެމެދު އޮތް ހީނަރު ވިޔަފާރީގެ ގުޅުން، މީގެ މަހެއްހާ ދުވަސް ކުރިން ކަނޑާލީ، ކަޝްމީރުގެ މައްސަލާގައެވެ.