ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައިޝާ ޝުޖޫން އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދިނުމާ އެކު، ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީން ޝުޖޫން އިސްތިއުފާ ދެއްވައިފިއެވެ.
ބާ ކައުންސިލުން ޝުޖޫން އިސްތިއުފާ ދެއްވި ކަން ހާމަ ކުރަމުން އެ ކައުންސިލުން ކުރި ޓްވީޓެއްގައި، މިއަދުން ފެށިގެން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ޝުޖޫން އިސްތިއުފާ ދެއްވާފައިވާ ކަމަށާއި، އެ ކައުންސިލަށް ޝުޖޫން ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރު އަދާ ކޮށްފައިވެއެވެ.
ޝުޖޫން ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް މަޖިލީހުން ފާސްކުރީ 62 މެމްބަރުންގެ ވޯޓާއެކުއެވެ. ރުހުން ދޭން ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވިއެވެ. ޝުޖުން ވަނީ މީގެ ކުރިން ސިވިލް ކޯޓުގެ ފަޑިޔާރުކަން ވެސް ކޮށްފައެވެ. 2014 ގައި ސިވިލް ކޯޓުން އިސްތިއުފާ ދެއްވި އިރު، ޝުޖޫން އަކީ ރާއްޖޭގައި ފަނޑިޔާރުކަން ކުރެއްވުމުގެ ފުުރުސަތު އެންމެ ފުރަތަމަ ލިބިވަޑައިގަތް އަންހެން ދެ ބޭފުޅުންގެ ތެރެއިން އެކަކެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ. އަޒްމިރަލްދާ ޒާހިރު އައްޔަން ކުރަންވެސް މަޖިލީހުން ރުހުން ދީފައި ވާއިރު، މިއީ ރާއްޖޭގެ ތާރިހުގައި ފުރަތަމަ ފަހަރަށް މަތީ ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރަން މަޖިލީހުން ރުހުން ދިން ފަހަރެވެ. ރާއްޖޭގެ އެންމެ މަތީ ކޯޓަށް އަންހެން ފަޑިޔާރުން އައްޔަން ކުރުމާ ދެކޮޅަށް އެކިއެކި ފަރާތްތަކުން އަޑު އުފުލާފައި ވެއެވެ. އޭގެ ތެރޭގައި ދީނީ އިލްމުވެރިންވެސް ހިމެނެއެވެ. ހަމަ އެއާއެކު ބައެއް ދީނީ އިލްމުވެރިން ވަނީ އަންހެނުން ސްޕްރީމް ކޯޓަށް އައްޔަން ކުރެވޭނެ ކަމަށް ބުނެ ވަކާލާތު ކޮށްފައެވެ.
ސްޕްރީމް ކޯޓުގެ ބެންޗަށް އެކި ވެރިކަމުގައި ބަދަލުތައް ގެނެސްފައި ވެއެވެ. އެގޮތުން 5 މެންބަރުންނާއި 7 މެންބަރުން ހިމަނާފައިވެއެވެ. އެންމެ ފަހުން ބެންޗަށް ބަދަލު ގެނައީ މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގައެވެ. ސްޕްރީމު ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އިން 7 އަށް ބަދަލު ކުރުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް ތަސްދީގު ކުރައްވާފައި ވަނީ މިދިޔަ ޖުލައިމަހުގެ 23 ވަނަ ދުވަހުއެވެ.