ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރެވޭ އިންސާނީ ވަގުފާރިއާއި ޑްރަގްގެ ވިޔަފާރީގެ ދޮރުތައް ބަންދުކުރެވި، ދެމެހެއްޓެނިވި ނޫން ގޮތްގޮތަށާއި ގަވާއިދާ ހިލާފަށް ކުރެވޭ މަސްވެރިކަން ފަދަ ކަންކަން ހުއްޓުވުމަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ހަތަރުވަނަ އިންޑިއަން އޯޝަން ކޮންފަރެންސް (އައިއޯސީ)ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ކަނޑުމަގުން ކުރެވޭ އެކިއެކި ވިޔަފާރިތަކަކީ ދުނިޔޭގެ ކަނޑަތަކާބެހޭ ގާނޫނުތަކާ އެއްގޮތަށް ހިނގަމުންދާ ވިޔަފާރި ތަކެއްކަން ކަށަވަރު ކުރެވެން ޖެހޭނެ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ކުރެވޭ ވިޔަފާރި ހުއްޓުވުމަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް ބަލާއިރު، ކަނޑަކީ ދިވެހިންގެ ލޭނާރާއި ގުޅިފައިވާ ތަނެއްކަން ފާހަގަކުރައްވައި، ކަނޑުދަތުރުފަތުރުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމާއި، ރާއްޖޭގެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރާ އުޅަނދުފަހަރަށް ރައްކާތެރިކަމާ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

ހަތަރު ވަނަ އައިއޯސީ ފެއްޓެވުމުގެ ގޮތުން ރައީސް ވިދާޅުވީ، އިންޑިޔާ ކަނޑުގެ ސަރަހައްދަކީ ކަނޑުހުރަސްކޮށް ކުރެވޭ ވިޔަފާރީގެ ދުނިޔޭގެ 40 އިންސައްތަ ހިއްސާކުރާ ސަރަހައްދުކަމަށެވެ. އަދި ކޮންޓެއިންނާ ބޯޓުފަހަރުގެ ދެބައިކުޅަ އެއްބައި އުޅަނދު ދަތުރުކުރާ އަދި ދުނިޔޭގެ ނިސްބަތުން ކަނޑުމަގުން އުފުލާ ތެލުގެ 3 ބައިކުޅަ 2 ބައި ދަތުރުކުރަނީ އިންޑީޔާ ކަނޑުގެ ސަރަހައްދުންކަން ރައީސް ފާހަގަކުރެއްވިއެވެ. މި ސަބަބުތަކާހުރެ މިސަރަހައްދުގެ ގައުމުތަކުގެ ހުރި ކަންބޮޑުވުންތަކާމެދު މަޝްވަރާކުރުމަށް މިފަދަ ކޮންފަރެންސްތައް ބޭއްވުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އައިއޯސީ ފަދަ މަހާސިންތާތައް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ މި ސަރަހައްދުގެ ގައުމުތަކުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މިހާރުވެސް އަވަށްޓެރި ބައެއް ގައުމުތަކާ ގުޅިގެން ކުރިޔަށްގެންދެވޭ ކަނޑުމަތީގެ ބައެއް ތަމްރީނުތަކާއި އޮޕަރޭޝަންތަކުގެ މައްޗަށް ވެސް ރައީސް ސޯލިހް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ރައީސް ސޯލިހް ވަނީ ކަނޑުގެ މާހައުލު ރައްކާތެރިކުރުމަކީ ވެސް ރާއްޖެފަދަ ކަނޑުގެ ދިރުންތަކަށް ބަރޯސާވެފައިވާ ކުދި ގައުމުތަކަށް ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވާފައެވެ.

އިންޑިޔާ ކަނޑުގެ ގައުމުތަކުގެ ގޮތުގައި ހިމެނޭ ގިނަ ގައުމުތަކުން ބައިވެރިވާ މި ކޮންފަރެންސް މިއަދާއި މާދަމާ ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާއިރު ކޮންފަރެންސްގެ ރިޔާސަތު ބަލަހައްޓަވާނީ ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައެވެ. މި ކޮންފަރެންސްފައި ބައިވެރިވެވަޑައިގަންނަވާ ބޭރުގެ އިއްޒަތްތެރިންގެ ތެރޭގައި އިންޑިޔާގެ ފޮރިން ސެކްރެޓަރީއާއި ސިންގަޕޫރުގެ ފޮރިން މިނިސްޓަރު ހިމެނިވަޑައިގަންނަވައެވެ. މި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެ ވަޑައިގަންނަވާ އިއްޒަތްތެރިންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދު ހިމެނިވަޑައިގަންނަވައެވެ.