އަހުމަދު ރިޟްވާން އަބްދުﷲ އާ ގުޅޭ ގޮތުން މަރު ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓު ނެރުމުން ދެން ހާމަ ކުރަންވީ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެއެވެ.
މިހާރު ކުރިއަށް ދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޟްވާންގެ ރިޕޯޓަށް ބަހުސް ކުރުން ހުޅުވާލެއްވުމުގެ ކުރިން، މަރު ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓު ލީކުވެ އެތައް ބައެއްގެ ފާޑު ކިޔުން ނަޝީދަށް އަމާޒުވި އަމާޒު ވުމަށް ރައްދު ދެއްވަމުން ވިދާޅުވީ، މަރު ކޮމިޝަނުގެ ރިޕޯޓު ނެރުމުން ދެން އެ ސިއްރެއް ނުވާނެ ކަމަށެވެ. އަދި އެއީ ހުއްޓޭނެ ކަމެއްވެސް ނޫން ކަމަށާ، ޝަރުއީ މަރުހަލާތަކާއި އެނޫން މަރުހަލާ ތަކުގައިވެސް ރިޕޯޓުގައި ހުރި ވާހަކަތައް ދައްކާނެ ކަމަށެވެ.
ނަޝީދު އިތުރަށް ވިދާޅުވީ، ރިޕޯޓުގެ ސަބަބުން އެންމެ ފުން ހިތާމައެއް ލިބޭނީ ރިޟްވާނުގެ އާއިލާއާއި ރަހުމަތްތެރިންނަށް ކަން އެނގިވަޑައިގަންނަވާ ކަމަށާ އެހެން ކަމުން ކެތްތެރި ކަމަށް އެދިވަޑައިގަންނަވާ ކަމަށެެވެ.
އަދި މިއަދު ހާމަ ކުރި ރިޕޯޓުގެ ހުލާސާ ހާމަ ކުރެއްވީ، މަރު ކޮމިޝަނުގެ ރައީސް އެދިވަޑައިގެންފައި އޮތް މިންވަރަށް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
އިއްޔެ މަރު ކޮމިޝަނުން ރިޕޯޓު، ރައީސް ނަޝީދާ ހިއްސާ ކުރުމުން، މަޖިލީހުން ވަނީ ޕީޖީ ލީޑަރުންނަށް ރިޕޯޓު ހިއްސާ ކޮށް އަދި ކުއްލި ގޮތަށް ރިޕޯޓު އަނބުރާ އަތުލާފައެވެ.
މިއަދު ލީކުވި ލިޔެކިޔުންތަކުގައި ރިޟްވާން މަރާލީ ބޯ ބުރިކޮށްލައިގެން ކަން އެނގެން އޮތް އިރު ހެކި ބަސް ދީފައި ތިބި މީހުންގެ ޒާތީ މައުލޫމާތުވެސް އޮތީ ހާމަ ވެފައެވެ.
ރައީސް ނަޝީދު ވިދާޅުވީ، ރިޕޯޓު އަނބުރާ އަތުލެއްވީ ވަރަށް ގިނަ ފަރާތްތަކަކުން އެކަން އެގޮތަށް ކުރުން ރަނގަޅު ނޫންކަމަށް ދަންނަވަމުން ގެންދަވާތީއާވެސް އެކު ކަމަށެވެ.