އޮގަސްޓް 8، 2014 ވަނަ އަހަރު ގެއްލުވާލި އަހުމަދު ރިޟްވާނާ ގުޅޭ ގޮތުން އިއްޔެ މަރު ކޮމިޝަނުން ހާމަ ކުރި ރިޕޯޓުގެ ހުލާސާ ހާމަ ކޮށްފިއެވެ. ރިޕޯޓު ލީކު ވީ ކޮން ދިމާލަކުން ކަން ނޭނގުނަސް ރިޕޯޓުގައި ހިމެނޭ އެންމެ މުހިންމު އެއް ބައި ކަމުގައިވާ އަހުމަދު ރިޟްވާން މަރާލި ގޮތް ވަނީ ހާމަ ވެފައެވެ. އަދި ރިޕޯޓޫގެ މައްޗަށް ތައްޔާރު ކޮށްފައިވާ ހުލާސާ ރިޕޯޓެއް ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައިވެސް އެބަ އޮތެވެ.

އިއްޔެ މަރު ކޮމިޝަނުން ރިޕޯޓުގެ މުހިންމު ބައިތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފަހު އެ ރިޕޯޓު އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހއްމަދު ނަޝީދަށް އަރުވާފައެވެ. އަދި އެ ރިޕޯޓު ހެކިވެރިންގެ މައުލޫމާތުވެސް ހިމެނޭ ގޮތުން، ޕީޖީ ގްރޫޕުގެ ލީޑަރުންނަށް މަޖިލީހުން ދީފައި ވާކަން ވަނީ އެނގިފައެވެ.

ރިޟްވާން މަރާލި ގޮތް ސާފުކޮށް އެ ރިޕޯޓުގައި އޮތް އިރު، މިއަދު ކުއްލި ގޮތަކަށް ރިޕޯޓު ޕީޖީ ލީޑަރުން އަތުން އަތުލި އިރު ރިޕޯޓު ވަނީ ލީކުވެފައެވެ. އެ ރިޕޯޓުގައި ވާ ގޮތުން ރިޟްވާން ކަނޑު ފެއްތީ އޭނާގެ ބޯ ބުރިކޮށްލުމަށް ފަހުއެވެ. އަދި އެކަން ކުރުމަށް އޭނާ އެރުވި ކަނޑުމަތީގެ އުޅަނދަކީ އއ އުކުޅަހު ދޯންޏެކެވެ. އަދި ދޯނި ހަމަޖައްސައިދިން މީހާއާއި، އެކިއެކި ޖަމާއަތްތަކަށް ނިސްބަތްވާ މީހުންގެ ނަންތައްވެސް އެ ރިޕޯޓުގައި އެބަ އޮތެވެ.

ރިޟްވާން މަރާ ގުޅޭ ގޮތުން އެތައް ބައެއްގެ ސުވާލުތައް ގިނަވެފައި ވަނިކޮށް ހުލާސާ ރިޕޯޓު އާންމު ވުމުން ގިނަ ބައެއްގެ ސުވާލުތައް މިހާރު އަމާޒު ވެފައި ވަނީ ރައްޔިތުންގެ މަޖިލީހަށެވެ.