މަރުވެފައިވާ މީހުންގެ ހަށިތައް މަގުތައް މަތީގައި ފުނިޖެހެމުން ނުދިއުމީ، މައްސަލަ ހައްލުވެ އާންމު ހާލަތަށް ރުޖޫއަވުން ކަމުގައި ބަލަންވީ ކަމެއް ނޫން ކަމަށާ، އެފަދަ ވިސްނުމަކީ ހަގީގަތާ ހިލާފު ވިސްނުމެއް ކަމަށް ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގެ މައި ސިޓީ ކަމަށްވާ ސްރީނަގަރުގެ މޭޔަރު ޖުނައިދު އާޒިމު މައްޓޫ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ޖުނައިދު ވިދާޅުވީ، ހައްދުފަހަނައަޅާފައިވާ ނިންމުމެއް ކުށްލި ގޮތަކަށް ނިންމާ، އެކަމުގެ ސަބަބުން އުފެދުނު ޖަޒުބާތުތައް ފާޅުކުރިޔަ ނުދީ ފިއްތާފައި އޮތް އޮތުމަކީ، މަސްރަހު އާންމު ހާލަތަށް އެޅުން ކަމުގައި ބެލެވިގެން ނުވާނެ ކަމަށެވެ.

ޖައްމުއާއި ކަޝްމީރަށް މިނިވަންކަމާ އިސްތިގުލާލު ލިއްބައިދިން މާއްދާ 370، އިންޑިއާގެ ގާނޫނު އަސާސީއިން އުވާލުމަށްފަހު އިންޑިއާގެ މައި ސަރުކާރުންވަނީ ކަޝްމީރުގައި ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ކަމަށް ބުނެ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒުކުރަން ފަށާފައެވެ. ކަނޑަލި މުވާސަލާތީ ހިދުމަތްތައް އަދިވެސް ފުރިހަމައަށް ދޭން ފަށާފައި ނުވާއިރު، މިޑީއާގެ މިނިވަންކަމާ، ދަތުރުފަތުރުގެ މިނިވަންކަމަށްވެސް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިކޮށްފައެވެ.

ޖައްމު އާއި ކަޝްމީރަށް ލިބިފައި އޮތް ވަކި ސްޓޭޓްގެ ދަރަޖަ ބާތިލުކޮށް ޔޫނިއަން ޓެރިޓެރީތަކަށް މިސަރަހައްދު ބައިކޮށްފައިވާއިރު، މި ސަރަހައްދުތަކުގެ މޭޔަރުންނަވަނީ ސްޓޭޓް ވަޒީރުންނާ އެއް ދަރަޖައެއްގެ މަގާމުތަކެއް އަރުވާފައެވެ.

ކަންމިހެން އޮތްއިރު، ސްރީނަގަރުގެ މޭޔަރު ވަނީ އިންޑިއާގެ މައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޖައްމު އެންޑް ކަޝްމީރު ޕީޕަލްސް ކޮންފަރެންސް (ޖޭކޭޕީސީ)ގެ ތަރުޖަމާނުކަމުގެ މަގާމުވެސް އަދާކުރައްވަމުން ގެންދަވާ ޖުނައިދުވަނީ، ކަޝްމީރުގެ ސިޔާސީ ލީޑަރުންނާ އެކްޓިވިސްޓުން ހައްޔަރުކޮށް ގޭބަންދުގައި ބައިތިއްބާފައިވާ މައްސަލަ ކުށްވެރި ކުރައްވާފައެވެ.

ޖައްމުއާއި ކަޝްމީރުގެ އިންޑިއާއާއިވީ ފަޅީގައި އޮންނަ އެންމެ ބޮޑު ސިޓީކަމަށްވާ ސްރީނަގަރުގައި އިންޑިއާގެ އޮފިޝަލުން ފޯރިމަރަނީ/ފޮޓޯ: ރޮއިޓާޒް

މާއްދާ 370 އުވާލި މައްސަލައަށް ސީދާ ގޮތުން ފާޑުވިދާޅުވަމުން ޖުނައިދު ވިދާޅުވީ، އެއީ ކަޝްމީރުގެ ދެމި އޮތުމާ ނެތިދިއުމާ ގުޅިފައިވާ ކަމެއް ކަމަށާ، ކަޝްމީރުގެ ހަގީގީ އައިޑެންޓިޓީއަކީވެސް އެއީ ކަމަށެވެ. ކަޝްމީރުގެ ރައްޔިތުންގެ އަތުން އަސާސީ ހައްގުތަކެއް ނުގުޅައިގަތުމަކީ އެމީހުން އިތުރަށް އެކަހެރިކޮށް ބީރައްޓެހި ކޮށްލުން ކަމަށްވެސް ޖުނައިދު ވަނީ ސިފަކުރައްވާފައެވެ.

ޖައްމުއާއި ކަޝްމީރުގައި ތަންފީޒުކުރަމުންދާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ބައިނަލްއަގުވާމީ ފެންވަރުގައި ދަނީ ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ. ނަމަވެސް މިއީ އިންޑިއާގެ ދާހިލީ މައްސަލައެއް ކަމަށް އެއްބަޔަކު ބުނާއިރު، މިއީ އިންޑިއާއާއި ޕާކިސްތާނުން ހައްލު ކުރަން ޖެހޭ މައްސަލައެއް ކަމަށް އަނެއް ބަޔަކު ބުނެ، ސީދާ ގޮތުން މިމައްސަލައިގެ ތެރެއަށް ވަދެ މެދުވެރިއެއްގެ ގޮތުގައި ސުލްހަ ގާއިމުކުރުމަށް އިސް ނަގާނެ ގައުމެއް އަދި ބައިނަލްއަގުވާމީ ބައިވެރިއަކު އަދި ނެތެވެ.