ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ ދައުރުގެ މުއްދަތަކީ ފަސް އަހަރުގެ ދެ ދައުރު ކަމަށް ކަނޑައަޅައި ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު އިގްތިސާދީ ކޮމެޓީން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު މަޖިލީހަށް ހުށަހެޅުއްވި މި ބިލު އިސްލާހުތަކާ އެކު ކޮމެޓީން ފާސްކޮށްފައި ވަނީ ކޮމެޓީގައި އެވަގުތު ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
ކޮމެޓީން ވަނީ ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އިސްލާހު މަޖިލީހަށް ހުށަހެޅިއިރު މީރާގެ ބޯޑުގެ ހުރިހާ މެންބަރުންގެ މަގާމު ގެއްލޭ ގޮތަށް ހުށަހަޅާފައެއް ނުވެއެވެ. ނަމަވެސް ކޮމެޓީން ވަނީ މީރާ ބޯޑުގެ ހުރިހާ މެންބަރުންގެ މަގާމު ގެއްލޭ ގޮތަށް ފާސްކޮށްފައެވެ.
މީގެއިތުރުން ކޮމެޓީން ވަނީ މީރާގެ ބޯޑަށް އިތުރު މެންބަރަކު އައްޔަން ކުރުމަށްވެސް ނިންމާފައެވެ. އެއީ ފިނޭންސް މިނިސްޓްރީގެ ފަރާތުން ޓެކުހާ ބެހޭ ސިޔާސަތުތަކާ ގުޅޭ ކަންކަން ބެލެހެއްޓުމަށް މިނިސްޓަރު ކަނޑައަޅާ ފަރާތެއް ކަމަށްވެސް އިގްތިސާދީ ކޮމެޓީގެ ރިޕޯޓުގައިވެއެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގައި މިހާރު ބުނެފައިވަނީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ވަކި ކުރަން ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެ ހިނދެއްގައި ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު ރައީސުލްޖުމްހޫރިއްޔާ ފޮނުވާ ސިޓީއަކުން މަގާމުން ވަކި ކުރެވޭނެ ކަމަށެވެ.
ނަމަވެސް އިސްލާހުގައި މިހާރު ބުނެފައިވަނީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްސޭޝަން ނުވަތަ ޑެޕިއުޓީ ޖެނެރަލް އޮފް ޓެކްސްސޭޝަން، އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި އިހުމާލުވިކަން، ނުވަތަ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުން ކުރާ ކަމަށް، ނޫނީ ބޯޑުން ފާސްކޮށްފައިވާ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ މުސްތަގިއްލު ކޮމިޝަންތަކާއި މަގާމުތަކާއި ބެހޭ ކަންކަން ބެލުމުގެ މަސްއޫލިއްޔަތު ހަވާލު ކޮށްފައިވާ ކޮމެޓީއަށް ފެނިގެން އެ މަގާމުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުން އެ މަގާމުން ވަކިވާނެ ކަމަށެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްސޭޝަން ނުވަތަ ޑެޕިއުޓީ ޖެނެރަލް އޮފް ޓެކްސްސޭޝަން އަމިއްލައަށް މަގާމުން ވަކިވާން ބޭނުންވެއްޖެ ހިނދެއްގައި ސިޓީއަކުން އެކަން އެންގުމުން މަގާމުން ވަކި ކުރެވޭނެ ކަމަށްވެސް އިސްލާހުގައި ވެއެވެ. އަދި މީގެކުރިން މީރާގެ ބޯޑުގައި ނަގާ ވޯޓުގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްޒޭޝަނަށް ބައިވެރެވޭއިރު މިހާރު މި ގޮތަށް އޮތް މާއްދާއަށްވެސް ވަނީ އިސްލާޙު ހުށަހަޅާފައެވެ. އިސްލާހުގައި ބުނެފައިވަނީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ބޯޑުގައި ހިމެނޭނީ ވޯޓު ނުދެވޭ މެމްބަރެއްގެ ގޮތުގައި ކަމަށެވެ.
ޓެކްސް ނެގުމާ ބެހޭ ގާނޫނުގައި މިހާރު ބުނެފައިވާގޮތުން ބޯޑުގެ މެންބަރުން އައްޔަން ކުރަންވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އަލަށް ހުށަހެޅި އިސްލާހުގައި ވަނީ މީރާގެ ބޯޑަށް އައްޔަން ކުރާ މެންބަރުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަން ޖެހޭނީ މިނިސްޓަރުގެ ލަފާގެ މަތިން ކަމަށެވެ. މީރާގެ ބޯޑަށް އައްޔަން ކުރާ މެންބަރުންގެ ނަންތައް މަޖިލީހަށް ފޮނުވާއިރު ބޯޑަށް މެންބަރުން ބޭނުންވާ އަދަދަށްވުރެ އިތުރަށް ނަން ފޮނުވަން ޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.